ރައީސް މުއިއްޒު އަންނަ މަހު ބަންގްލަދޭޝަށް ވަޑައިގަންނަވަނީ

ރައީސް މުއިއްޒު އަންނަ މަހު ބަންގްލަދޭޝަށް ވަޑައިގަންނަވަނީ

17 hours ago - 08:33

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންނަ ޑިސެމްބަރު މަހު ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވާފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބަންގްލަދޭޝްގެ "ޑެއިލީ ޓައިމްސް" ނޫހުން ބުނި ގޮތުގައި، ތިން ދުވަހުގެ މި ދަތުރުފުޅަކީ އެ ގައުމުގެ ބޮޑުވަޒީރު ތާރިގް ރަހްމާން ދެއްވި ދައުވަތަކަށް ރައީސް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން އަންނަ މަހުގެ 13 ވަނަ ދުވަހު ރައީސް މުއިއްޒު އެ ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން، އަންނަ މަހުގެ ހަތްވަނަ ދުވަހު މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް ބަންގްލަދޭޝަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެ ނޫހުގައި ބަޔާންކޮށްފައިވެއެވެ.

ބަންގްލަދޭޝްގެ ހާރިޖިއްޔާގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުގައި ބުނެފައިވަނީ، ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުން މިހާރު ވެސް ވަރަށް ބަދަހި ކަމަށެވެ. އަދި ރައީސްގެ މި ޒިޔާރަތާ އެކު މި ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. ހާއްސަކޮށް ރާއްޖޭގައި އެއްލައްކައަށް ވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން އުޅެމުންދާތީ، ދެކުނު އޭޝިއާ ސަރަހައްދުގައި ރާއްޖެއަކީ އެ ގައުމަށް ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރާނީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމާއި، ވަޒީފާގެ އައު ފުރުސަތުތައް ފަހިކުރުމުގެ އިތުރުން ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށެވެ. އެހެން ނަމަވެސް، މި ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޑރ. މުއިއްޒު އެންމެ ފަހުން ބަންގްލަދޭޝަށް ވަޑައިގެންނެވީ މި އަހަރުގެ ފެބުރުއަރީ މަހު އެ ގައުމުގެ އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތަށެވެ. ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 22 ސެޕްޓެމްބަރު 1978 ގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow