ފޮނަދުއާއި ތިމަރަފުށީގައި ޓޫރިސްޓް ހޮޓާ ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދަނީ
ލ. ފޮނަދުއާއި ތ. ތިމަރަފުށީގައި ޓޫރިސްޓް ހޮޓާ އެޅުމަށާއި އެ ތަންތަން ހިންގާނެ ފަރާތްތަކެއް ހޯދުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ބީލަމަށް ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ބުރާސްފަތި ދުވަހު ނެރުނު އިޢުލާނުތަކުގައިވާ ގޮތުން، ތިމަރަފުށީގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް ކަނޑައަޅާފައިވަނީ 26,480.67 އަކަމީޓަރުގެ ބިމެކެވެ. އަދި ފޮނަދޫން ފަތުރުވެރިކަމަށް ޚާއްޞަކޮށްފައިވާ ސަރަޙައްދުތަކުގެ ތެރެއިން ތިން ބިމެއްގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް ވެސް މިހާރު ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.
މި މަޝްރޫޢުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުންތައް އޮންނާނީ އަންނަ މަހުގެ 1 ވަނަ ދުވަހާއި 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި، މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން މި މަހުގެ 30 ގެ މެންދުރު 12:00 ގެ ކުރިން، ނުވަތަ އަންނަ މަހުގެ 16 ގެ މެންދުރު 12:00 ގެ ކުރިން ނަމާއި އީމެއިލް އަދި ފޯނު ނަންބަރު leasing@tourism.gov.mv އަށް ފޮނުވަން ޖެހެއެވެ.
ބީލަން ފޮތް ގަތުމަށް އެދޭ ފޯމު އިޢުލާނާއެކު ޢާންމުކޮށްފައިވާއިރު، އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ބީލަން ފޮތް ދޫކުރަމުން ދާނެއެވެ. ބީލަން ފޮތް ލިބޭނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އާ ދެމެދު އީމެއިލް މެދުވެރިކޮށެވެ.
މި ކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އެ ވުޒާރާގެ އީމެއިލަށް ލިޔުމުން ފޮނުވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އެދިފައެވެ.
ފޮނަދުއާއި ތިމަރަފުށްޓަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ދެ ރަށް ކަމަށްވާއިރު، ފޮނަދޫގެ އާބާދީ 3،000 އަށް އަރައެވެ. އަދި ތިމަރަފުށީ ކައުންސިލުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެ ރަށުގައި ދެ ހާހެއްހާ މީހުން ދިރިއުޅެއެވެ.
ރިއެކްޝަންސް





