މި އަހަރު ޗައިނާއާއި ރަޝިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާއާއި ރަޝިއާގެ ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމުން އެންމެ ފަހުން ޝާއިއުކޮށްފައިވާ "މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓްސް" ރިޕޯޓުގައިވާ ގޮތުން، މި ހިނގާ ނޮވެންބަރު މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު ހިއްސާއެއް އޮތީ މި ދެ ޤައުމަށެވެ. އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ލިސްޓުގެ އެއްވަނައިގައި ޗައިނާ އޮތްއިރު، ދެވަނައިގައި އޮތީ ރަޝިއާއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 343،071 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 18.3 އިންސައްތައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެ އައިސްފައިވަނީ 304,920 ފަތުރުވެރިން (15.7 އިންސައްތަ) ކަމަށްވާއިރު، މިއީ ފާހަގަކޮށްލެވޭ ބޮޑު ކުރިއެރުމެކެވެ.
މީގެއިތުރުން، ލިސްޓުގެ ދެވަނައިގައި އޮތް ރަޝިއާގެ މާކެޓަށް ބަލާއިރު، މި އަހަރުގެ ނޮވެންބަރު 18 ގެ ނިޔަލަށް އެ ޤައުމުން ރާއްޖެއަށް 272،756 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ ޖުމްލަ އަދަދުގެ 14.6 އިންސައްތައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރަޝިއާއިން ރާއްޖެއަށް އައިސްފައިވަނީ 245,222 ފަތުރުވެރިން (12.6 އިންސައްތަ) އެވެ.
ކޮވިޑް-19 ގެ އާލަމީ ވަބާއަށްފަހު ދުނިޔޭގެ ދަތުރުފަތުރު ހުޅުވާލުމާއެކު، ޚާއްޞަކޮށް ޗައިނާ އަދި ރަޝިއާގެ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި ދެ ޤައުމަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ މުހިންމު ދެ ބައިވެރިންނެވެ.
ރިއެކްޝަންސް





