ދެމެހެއްޓެނެވި ގޮތެއްގައި ބޭސް ފޯރުކޮށްދިނުމަށް ދުނިޔޭގެ މަޝްހޫރު ކުންފުނިތަކާއެކު އެއްބަސްވުންތައް ޤާއިމުކޮށްފި
ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ބައެއް ކުންފުނިތަކާއެކު މިހާރުވެސް އެއްބަސްވުންތައް ޤާއިމުކުރެވިފައިވާ ކަމަށް ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމާގެ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
"އެމްއެމްޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ ބޭހުގެ ތެރެއިން ރަޖިސްޓްރީކޮށްފައިވާ ބޭހުގެ 70 އިންސައްތަ މިހާރުވެސް ކޮންޓްރޯލް ކުރަނީ އަމިއްލަ ވިޔަފާރިތަކުން ކަމަށެވެ. އަދި ބޭހާއި ސިއްހީ ސާމާނު ހުސްވުމުގެ މައްސަލައަކީ ޒަމާނުއްސުރެ ކުރިމަތިވަމުން އަންނަ، ނަމަވެސް ކުރީގެ އެއްވެސް ސަރުކާރަކުން އެދެވޭ ޙައްލެއް ހޯދައިދެވިފައިނުވާ ބޮޑު މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ޑރ. ޝާހު ވިދާޅުވީ، ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި މިފަދަ ޚާއްޞަ ކުންފުންޏެއް އުފެއްދުމަކީ ކުރީގެ ސަރުކާރުތަކަށް ނިންމަން ނުކެރި ފަސްޖެހިފައި އޮތް މުހިންމު ނިންމުމެއް ކަމަށެވެ. އެހެންކަމުން، ރައްޔިތުންނަށް ހެޔޮ އަގުގައި ފެންވަރު ރަނގަޅު ބޭސް ޔަޤީންކޮށްދިނުމަށްޓަކައި ބޭހުގެ ކޮންޓްރޯލް ދައުލަތުގެ ދަށަށް ގެންނަންޖެހޭ ކަމަށާއި، މި ބަދަލު ގެންނާނީ އަމިއްލަ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ނުވާނެހެން އެ ފަރާތްތަކުގެ ބައިވެރިވުމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، ބޭސް އެތެރެކުރުމުގައި ގެންގުޅެންޖެހޭ އެންމެ މުހިންމު އުސޫލަކީ ކުރިއަށް އޮންނަ އަހަރަށް ބޭނުންވާ ބޭސް، އޭގެ ކުރީ އަހަރު އެތެރެކޮށް ނިންމުންކަމަށް ޑރ. ޝާހު ވިދާޅުވިއެވެ. އެގޮތުން ސްޓޭޓް ފާމާއިން މިހާރު މަސައްކަތް ކުރަމުންދަނީ ބޭސް ބޭނުންވާނެ މިންވަރު ދުރާލާ އަންދާޒާކޮށް، އަސާސީ ހުރިހާ ބޭހެއް އެކަށީގެންވާ މިންވަރަށް ސްޓޮކް ކުރުމަށް ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ރިއެކްޝަންސް





