ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ވެކްސިން ޑޯޒް ހަދިޔާކޮށްފި

ޔުނިސެފުން ރާއްޖެއަށް 28,000 މީސަލްސް ވެކްސިން ޑޯޒް ހަދިޔާކޮށްފި

1 hour ago - 20:32
Advertisement
Advertisement

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި (މީސަލްސް) ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް (ޔުނިސެފް) އިން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ (އެމްއާރް) ވެކްސިން ޑޯޒާއި ސިއްޙީ ބައެއް ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.


މި ތަކެތި ހަދިޔާކުރުމަށްޓަކައި މިއަދު މިނިސްޓްރީ އޮފް ހެލްތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މިކަމާ ގުޅޭ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޞިއްޙަތާއި، ޢާއިލާއާއި، އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ އެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީ އެވެ.


މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޤީލާ ޢަލީ ވިދާޅުވީ، ޔުނިސެފުން ވެދެއްވި މި ދީލަތި އެހީއަކީ ރާއްޖޭގައި ފެތުރެމުންދާ މީސަލްސާއި ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި މިއީ ދެ ފަރާތުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.


"މިއަދު އަޅުގަނޑުމެންނަށް ލިބުނު 28,000 ޑޯޒުގެ މީސަލްސް ރުބެއްލާ ވެކްސިނާއި އެއާ ގުޅޭ ސާމާނަކީ މި ބަލިމަޑުކަމުން ރައްކާތެރިވުމަށް ލިބުނު އެންމެ ވަރުގަދަ ހަތިޔާރު،" ވަޒީރު ވިދާޅުވިއެވެ.


ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި، މިހާތަނަށް ހިންގި ވެކްސިން ޕްރޮގްރާމްގެ ދަށުން 5,400 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވެއެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ލެބޯޓްރީ ޓެސްޓްތައް އިތުރުކުރުމާއި، ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވައި، ސިއްޙީ ދާއިރާގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހެއްނަމަ ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށްވެސް ވަޒީރު އިލްތިމާސް ކުރެއްވިއެވެ.


ޔުނިސެފްގެ އިތުރުން، ދާދިފަހުން އިންޑިއާ ސަރުކާރުންވެސް ވަނީ ރާއްޖެއަށް 20,000 ޑޯޒުގެ މީސަލްސް ވެކްސިންއާއި 3 ޓަނުގެ ސިއްޙީ އާލާތްތައް ހަދިޔާކޮށްފައެވެ.


ރާއްޖެއިން ހިމަބިހީގެ ކޭސްއެއް މެއި މަހު ފެނުނު ފަހުން މިހާތަނަށް ޖުމްލަ 121 މީހުން މިބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މީގެ ތެރެއިން 55 ކޭސް ފެނިފައިވަނީ މިދިޔަ ހަފުތާގައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި، ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، މިހާތަނަށް 5,495 މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement