ހުޅުމާލެ ޖަލުގެ އައު ޔުނިޓުގެ ހަތަރު ބްލޮކް މި ހަފުތާގައި ހުޅުވަނީ
ހުޅުމާލެ ޖަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އަލަށް ތަރައްގީކުރި ހަ ވަނަ ޔުނިޓުގެ ހަތަރު ސެލް ބްލޮކް މި ހަފުތާ ތެރޭގައި ހުޅުވާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފިއެވެ.
މި އައު ބްލޮކްތައް ތަރައްގީކޮށްފައިވަނީ ހުޅުމާލޭގައި ކުރިން ކޮވިޑް ފެސިލިޓީ ހުރި ބިމުގައި އަލަށް އިމާރާތްކުރި ދެ ފަންގިފިލާގެ އިމާރާތުގައެވެ. ކަރެކްޝަންސްއިން މައުލޫމާތު ދޭ ގޮތުގައި، މި އިމާރާތް ބޭނުންކުރާނީ ހުޅުމާލެ ޖަލުގެ ހަ ވަނަ ޔުނިޓުގެ ގޮތުގައެވެ. މި ޔުނިޓަކީ ހުކުމް ތަންފީޛު ކުރަމުންދާ ގައިދީންގެ ތެރެއިން މާލެ ސަރަހައްދުގައި ފަންނީ މަސައްކަތްތަކުގައި އުޅޭ ގައިދީން ބޭތިއްބުމަށް "ހޯލްޑިންގ ސެލް" ތަކާއެކު ތަރައްގީކޮށްފައިވާ ތަނެކެވެ.
ހުޅުމާލެ ޖަލުގެ ހަ ވަނަ ޔުނިޓުގައި ޖުމްލަ ފަސް ބްލޮކް ހިމެނޭއިރު، 16 މީހުންގެ ޖާގަ ހިމެނޭ ފުރަތަމަ ބްލޮކް ވަނީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހު ހުޅުވާފައެވެ. މި ހަފުތާގައި އަލަށް ހުޅުވާ ހަތަރު ބްލޮކާއެކު، ޖަލުގެ ޖާގައަށް ޖުމްލަ 48 ޖާގަ އިތުރުވެގެންދާނެއެވެ.
މި އައު ޔުނިޓުގެ ތަފްސީލަށް ބަލާއިރު، ގައިދީން ނިދުމަށް ބަންކު ބެޑު ބަހައްޓާފައިވާއިރު، އޭސީ އާއި ފަންކާގެ އިތުރުން މެސް ރޫމަކާއި، ނަމާދު ކުރާނެ ކޮޓަރިއަކާއި ލޯންޑްރީއެއްވެސް ވަނީ ގާއިމްކޮށްފައެވެ. މިތަން ތަރައްގީކުރުމުގެ މަސައްކަތް ކޮށްފައިވަނީ ޖަލުގައި ތިބި މަސައްކަތްތެރި ގައިދީންނާއި ކަރެކްޝަންސްގެ މުވައްޒަފުން ގުޅިގެންނެވެ.
ކަރެކްޝަންސްއިން ބުނީ މި މަޝްރޫއު އެއްކޮށް ނިމުމުން ޖުމްލަ 140 ޖާގަ އިތުރުވާނެ ކަމަށެވެ. މީގެ ސަބަބުން ކޯޓުތަކަށާއި މެޑިކަލް ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީން ބޭތިއްބުމަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ހަރަދުތަކާއި ލޮޖިސްޓިކްސް އަދި މޫސުމީ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ލިބޭނެއެވެ.
ސަރުކާރުގެ އަމާޒަކީ "ވަން ޕްރިޒަން ކޮންސެޕްޓް" ގެ ދަށުން ޖަލުތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމެވެ. މިގޮތުން މި ހިނގާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުރުގެ ތެރޭގައި ޖަލުތަކަށް 500 އެނދު އިތުރުކުރުމަށް ވަނީ ނިންމާފައެވެ. ފާއިތުވި ދެ އަހަރުގެ ތެރޭގައިވެސް ޖަލުތަކުގެ ކެޕޭސިޓީއަށް ވަނީ ޖުމްލަ 400 ޖާގަ އިތުރުކޮށްފައެވެ.
ރިއެކްޝަންސް





