ސިއްހީ ދާއިރާގެ 166 އުމްރާނީ މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދަނީ

ސިއްހީ ދާއިރާގެ 166 އުމްރާނީ މަޝްރޫއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދަނީ

1 hour ago - 10:39
Advertisement
Advertisement

މުޅި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ސިއްހީ ދާއިރާގެ އުމްރާނީ ތަރައްގީގެ 166 މަޝްރޫއެއް އެކި މަރުހަލާތަކުގައި މިހާރުވެސް ކުރިއަށްދާކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.


ވަޒީރު މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ސިއްހީ ދާއިރާއަކީ މިހާރުވެސް ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިނގަމުންދާ އެއް ދާއިރާއެވެ.


މި މަޝްރޫއުތަކުގެ ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، އޭގެ ތެރޭގައި ސަރުކާރުން ސީދާ ފައިސާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކާއި، ތަފާތު ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް ހިމެނޭ ކަމަށެވެ. މީގެ ތެރޭގައި އެމްއާރްއައި މެޝިން ބެހެއްޓުމަށް ބޭނުންވާ އިމާރާތުގެ ބަދަލުތައް ގެނައުމާއި، ދަތުގެ ފަރުވާއާއި ޑަޔަލަސިސްގެ ހިދުމަތް ނުލިބޭ ރަށްރަށުގައި އެ ހިދުމަތް ގާއިމުކުރުމުގެ އިތުރުން، ސީޓީ ސްކޭންގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.


"މި އިން ކޮންމެ މަޝްރޫއަކީ ސިއްހީ އިތުރު ކުރިއެރުންތައް އެރަށަކަށް ގެނެސްދޭނެ މަޝްރޫއުތަކެއް. މިއީ ރައްޔިތުންނަށް ފުރިހަމަ ސިއްހަތެއް ކަށަވަރުކޮށްދިނުމަށް ކޮންމެހެން ބޭނުންވާ ގާއިމުކޮށްދެންޖެހޭ ހިދުމަތްތަކެއް،" ވަޒީރު ގީލާ އަލީ ވިދާޅުވިއެވެ.


ސިއްހީ ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭ އެއް ދާއިރާއެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައިވެސް އެންމެ ބޮޑު އިސްކަމެއްދީ، އެންމެ ގިނަ ފައިސާ ކަނޑައަޅާފައިވަނީ ސިއްހީ ދާއިރާގެ މަޝްރޫއުތަކަށެވެ.


މި މަޝްރޫއުތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވިދާޅުވެފައިވަނީ، މަޝްރޫއުތައް ނިންމާނެ ތާވަލެއް އެކުލަވައިލާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ބޮޑެތި މަޝްރޫއުތައް 2028 ވަނަ އަހަރުގެ މެދުތެރެއަށް ނިންމުމަށް އަމާޒު ހިފާފައިވާއިރު، ކުދި މަޝްރޫއުތައް އެއަށްވުރެ މާ އަވަހަށް ނިމި، ރައްޔިތުންނަށް އޭގެ ފައިދާ ލިބެން ފަށާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement