ވަޒީރުން މަޖިލީހުގައި ދެއްވަނީ ފުރިހަމަ ޖަވާބުތަކެއް، އެމްޑީޕީން އުޅެނީ މަޖިލީހުގެ މަސައްކަތް ހުއްޓުވަން: މެންބަރު އިއްބެ
ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާ ސަރުކާރުގެ ވަޒީރުން މެންބަރުން ކުރައްވާ ސުވާލުތަކަށް ދެއްވަމުން ގެންދަވަނީ ފުރިހަމަ ޖަވާބުތަކެއް ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
މެންބަރު އިއްބެ މިހެން ވިދާޅުވެފައިވަނީ ސަންގު ޓީވީއަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި، އިދިކޮޅު އެމްޑީޕީގެ މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ވަޒީރުންނަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ. އެމްޑީޕީން ތުހުމަތުކޮށްފައިވާ ގޮތުގައި، ވަޒީރުން މަޖިލީހަށް ހާޒިރުވެ ސުވާލުތަކަށް ޖަވާބުދެއްވާއިރު، މެންބަރުން ކުރައްވާ ސުވާލުތަކަށް ސީދާ ޖަވާބު ނުދެއްވާ، އިތުރު ވާހަކަތައް ދައްކަވައި، ކުރީގެ ސަރުކާރުތަކުގެ ބޮލުގައި ޒިންމާ އަޅުވަމުން ގެންދަވާ ކަމަށެވެ. އަދި މަޝްރޫއުތައް ހިނގާކަން ނުވަތަ ނޫންކަންވެސް ވަޒީރުން ސާފުކޮށްދެއްވަން ބޭނުންފުޅު ނުވާކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން މެންބަރު އިއްބެ ވިދާޅުވީ، މި ސަރުކާރުގެ ވަޒީރުން މަޖިލީހަށް ހާޒިރުވެ، އެމްޑީޕީއާއި ޕީއެންސީގެ މެންބަރުން ކުރައްވާ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދެއްވަމުން ގެންދަވާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް ސަރުކާރަކުން ދެ އަހަރު ދުވަހުގެ ތެރޭގައި ވަޒީރުން މަޖިލީހަށް ހާޒިރު ނުވާ ވަރަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ވަޒީރުން ހާޒިރުކޮށް ސުވާލުތަކެއް ކުރުމުގެ ފުރުސަތު މެންބަރުންނަަށް ލިބިފައިވާ ކަމަށެވެ.
"މަޖިލީހުގެ މެންބަރުން ކުރައްވާ ގިނަ ސުވާލުތަކަށް ވަޒީރުން ވަނީ އެކަށީގެންވާ ވަރަށް ރަނގަޅު ޖަވާބުތައް ދެއްވާފައި،" މެންބަރު އިއްބެ ވިދާޅުވިއެވެ.
"ކަމާއި ނުގުޅޭ ސުވާލެއް ކުރެއްވީމަ މިނިސްޓަރު އެ ސުވާލަށް ޖަވާބު ނުދެއްވާ، އަދި ދޭކަށްވެސް ނުޖެހޭ،" މެންބަރު އިއްބެ ވިދާޅުވިއެވެ.
މެންބަރު އިއްބެ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީގެ މެންބަރުން މިފަދަ ވާހަކަތައް ދައްކަވަނީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައި، މަސައްކަތް ނުކުރެވޭނެ ކޮންމެވެސް ހުއްޖަތެއް ދެއްކުމުގެ ބޭނުމުގައެވެ. އަދި ވަޒީރުން ޖަވާބު ދެއްވަނީ ހަމައެކަނި ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންނަށް ނޫން ކަމަށާއި، ކޮންމެ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު ސުވާލު ކުރެއްވި ނަމަވެސް ދެވެން އޮތް އެންމެ ފުރިހަމަ ޖަވާބެއް ވަޒީރުން ދެއްވަމުން ގެންދަވާ ކަމަށް މެންބަރު އިއްބެ ވިދާޅުވިއެވެ.
މި ސަރުކާރުގެ ވުޒާރާތައް ހިންގަމުންދާ ގޮތަށް ބަލާއިރު، އެ ތަންތަނުގެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ކުރިއަށްދާކަމަށާއި، ހުރިހާ މިނިސްޓްރީތަކުން ވެސް ރަނގަޅު ނަތީޖާއެއް ނެރެމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންނަށް އިންސާފުވެރިކަމާއެކު އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދީ، މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ވަޒީރުން އަބަދުވެސް ނުހަނު އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މެންބަރު އިއްބެ ވިދާޅުވިއެވެ.
ރިއެކްޝަންސް

