ކަނޑުމަތީގައި ދެ އުޅަނދު ޖެހި ހިނގި އެކްސިޑެންޓެއްގައި 5 މީހަކަށް އަނިޔާވެއްޖެ
ކަނޑުމަތިން ލޯންޗަކާއި އެހެން އުޅަނދެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ފަސް މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ މިރޭގެ ވަގުތެއްގައެވެ. ކަނޑުމަތީގައި ހިނގި މި އެކްސިޑެންޓާ ގުޅިގެން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗެއް މާލޭ ބޮޑުތަކުރުފާނުމަގު އިއްޒުއްދީން ފާލަން ކައިރިއަށް ކައިރިކޮށްފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިރޭ 21:16 އެހާކަންހާއިރުއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު "ލީޖަން 1" ލޯންޗާއެކު އެކްސިޑެންޓްވި އަނެއް އުޅަނދު ވަނީ ހާދިސާއަށްފަހު މަޑުނުކޮށް ގޮސްފައެވެ. އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
މި އެކްސިޑެންޓްގައި އަނިޔާވި ފަސް މީހުންނަށް މިހާރު ދަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ހަތަރު ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް ހޮސްޕިޓަލުންނާއި ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، ފިލި އުޅަނދު ހޯދުމަށް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރިއެކްޝަންސް





