ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކާ ޤާނޫނު އަރާ ހަމަކުރާކަން ކަށަވަރުވާންޖެހޭ- މެމްބަރު އިއްބެ
ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކާ ޤާނޫނު އަރާ ހަމަކުރާކަން ކަށަވަރުވާންޖެހޭ ކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޟާ އާދަމް ހުށަހެޅުއްވި ދިވެހިރާއްޖޭގެ ޤާނޫނު އުޤޫބާތަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ވާހަކަދައްކަވަމުން މެމްބަރު ވިދާޅުވީ މިއަދު ފެންނަނީ ނުހައްގު މުއްސަނދިކަން ހޯދާ, ދައުލަތް ލޫޓްވާލައިގެން އަރާމުގައި ގޭގައި ތިއްބަވާތަން ކަމަށެވެ. އެފުރުޞަތު ނުލިބޭނެކަން ޤާނޫނަކުން ކަށަވަރުކުރަން ޖެހޭ ކަމަށް މެމްބަރު އިބްރާހީމް ހުސައިން ވިދާޅުވިއެވެ.
ނުހައްގު މުއްސަނދިކަމުގެ ވާހަކަ އަކީ އަބަދު ދައްކާ ވާހަކައެއްގެ ބަދަލުގައި, ނުހައްގު މުއްސަނދިކަން ހޯދައިގެން އުޅޭ ބޭފުޅުންނާ މެދު ފިޔަވަޅު އެޅޭނެކަން ހިނގަމުންދާ މަޖިލިހުން ކަށަވަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހުށަހެޅިފައިވާ އިސްލާހަކީ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނޭޅި ބޭނުންހާ ގޮތަކަށް, ހިތުހުރިހާ ގޮތަކަށް, މުއްސަނދިކަން ބޭނުންކޮށްގެން ރާއްޖޭގައާއި އަދި ރާއްޖެއިން ބޭރުގައި ދިރިއުޅެމުން ގެންދިއުން ހުއްޓުވާނެ އިސްލާހެކަން އޭނާ ފާހަގަކުރެއްވިއެވެ.
މެމްބަރު ވިދާޅުވީ މިގައުމުގަ ދިވެހި ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ނުހައްގު މުއްސަނދިކަން ހޯދައިގެން އެމުއްސަނދިކަން ބޭނުންކޮށްގެން ތަނަވަސްކަމުގައި އުޅޭ ބޭފުޅުންނާ ދޭތެރޭގައި ޤާނޫނީ ފިޔަވަޅު އެޅޭނެ ދުވަހެއް މިމަޖިލިހުން ޔަގީންކުރަންޖެހޭ ކަމަށެވެ.
" އާދެ އެކަން މިއަދުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މިކުރައްވަނީ. މިކަން ކުރައްވާތީވެ, ވަރަށްގިނަ ބޭބޭފުޅުންނަށް މިކަން ގަބޫލެއް ނުކުރެއްވޭނެ. މިކަން ގަބޫލެއް ނުކުރެވޭނެ, ޚާއްޞަކޮށް ނިމިދިޔަ ސަރުކާރުން ދައުލަތަށް ނުލިބިހުރި ފައިސާ ހޯދުމަށްޓަކައި އެކިއެކި ކޮމިޝަންތައް ހަދައިގެން ޚަރަދުތަކެއް ކުރަމުން ގެންދިޔަ. ނަތީޖާ ކޮބައިތޯ. ނަތީޖާ ސުމެއް." އިއްބެ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިދިޔަ ސަރުކާރުގައި ވީ ކަމަކީ ދައުލަތުގަ ހުރި ފައިސާ އިތުރަށް ޚަރަދުކުރުން ކަމަށެވެ.
ނުހައްގު މުއްސަނދިކަން ހޯދާ ފަރާތްތަކުގެ އިތުރުން ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ނުވަތަ ސަރުކާރުތަކުގަ މަސައްކަތްކޮށްފަ ދައުލަތުގެ ފައިސާ ހިފައިގެން ގޮސް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފައްދަން ކުރާ މަސައްކަތްތައްވެސް ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންނަށްނަށް ފައިދާ ހުރިގޮތް ނޫން ގޮތަކަށް މަސައްކަތް ކުރާނަމަ އެފައިސާ ހޯދުމުގެ ބާރުވެސް ޤާނޫނަކުން ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
ޓްރާންސްޕޭރެންޓީ ފައިނޭންޝަލް ރިކޯޑަކުން ނުހައްގު މުއްސަނދިކަން ނުހޯދާކަން ނުވަތަ ހޯދައިފިކަން ޔަގީން ކޮށްދޭން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ. އެގޮތުން ސަރުކާރުގެ މުވައްޒަފުން އަދި ކުންފުނިތަކުގެ ވެރިންވެސް މުވައްޒަފުންވެސް މިގޮތަށް މިކަންކޮށްފިނަމަ ނުހައްގު މުއްސަނދިކަން އެހޯދާ ފަރާތްތަކަށް އެހޯދުން ހުއްޓިގެންދާނެކަމަށް ވިދާޅުވިއެވެ.
ރިއެކްޝަންސް