މިދިޔަ ސަރުކާރުން މަޝްރޫއުތައް ފަށާފަހުރީ ހަރުދަނާކަމެއް ނެތް ގޮތަކަށް- ފިނޭންސް މިނިސްޓަރ
މިދިޔަ ސަރުކާރުން މަޝްރޫއުތައް ފަށާފައިހުރީ ހަރުދަނާކަމެއް ނެތް ގޮތަކަށް ކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މިއަދު ރައްޔިތުންގެ މަޖިލިހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ހަރުދަނާ ކަމެއް ނެތް ގޮތަކަށް މަޝްރޫއުތައް ފެށުމުގެ ސަބަބުން އެއުނދަގޫތައް މިހާރު ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން މަޝްރޫއެއް ނިންމަން ބަލާއިރު އެކަމަށް ބޭނުންވާ މިންވަރަށް ފައިސާ ނުހުންނަ ކަމަށް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މަޝްރޫއުތަކެއް ފެށިޔަސް ފަށާފައިހުރީ ހަރުދަނާކަމެއް ނެތި ކަމަށެވެ.
މިނިސްޓަރ ޒަމީރު ވިދާޅުވީ ގިނަ މަޝްރޫއުތައް ފަށާފައިހުރީވެސް އިންތިޚާބުތައް ނޫނީ އެފަދަ ބޭނުމެއްގައި ކަމަށެވެ. އެއް އަހަރުގެ ދައުލަތުގެ ބަޖެޓްގެ އާމްދަނީއަށް ވާވަރާ ގާތަށް ޕްރޮޖެކްޓް އެކި ދާއިރާތަކުން ފެށިފަ އެބަހުރި ކަމަށް ވިދާޅުވިއެވެ. ސަރުކާރުގެ ކުންފުނުތައް ޚާއްޞަކޮށް އެމްޓީސީސީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީގައިވެސް ގިނަ މަޝްރޫއުތަކެއް ފެށިފައި ހުރިނަމަވެސް ފެށިފަ ހުރީ ނިންމޭނެ ގޮތަށް ނޫން ކަމަށް ވޮދާޅުވިއެވެ. އެކަމަކު އަންނަ އަހަރުގެ ބަޖެޓް ފާސްކޮށްފައިވަނީ ޕްރޮޖެކްޓްތައް ނިންމޭނެ ގޮތަށް ވިސްނައިގެން ކަމަށް ވިދާޅުވިއެވެ.
" އެހެންވީމަ މިފަހަރު ޕްރެޖެކްޓްތައް ގެންދާއިރު ވަރަށްބޮޑަށް ބަލާނަން ޕްރޮޖެކްޓްތައް ނިންމޭނެ ގޮތަށް ރާވައިގެން ގެންދަން" ވަޒީރު ވިދާޅުވިއެވެ.
މިސަރުކާރު ހަވާލުވިއިރު 124 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި, އޭގެތެރެއިން ދެބައިކޮޅަ އެއްބަޔަކީ މިދިޔަ ސަރުކާރުގެ ދަރަނި ކަމަށް ޒަމީރު ވިދާޅުވިއެވެ. ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް %24 ޚަރަދުކުރަންޖެހެނީ ދަރަނި ދައްކަން ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ބަޖެޓް ފާސްކުރި ގޮތުން ޚާއްޞަކޮށް, ވަކިވަކި ރަށްތަކަށް ބަޖެޓްގައި ހުރީ ކޮންކަމެއްކަން ސާފްނުވާތީ އިދިކޮޅު މެމްބަރުންގެ ކަންބޮޑުވުން ބޮޑެވެ. އެފަދަ ސުވާލުތައް މިއަދުވެސް ވަޒީރާ ކުރިމަތިކުރިއެވެ.
ރިއެކްޝަންސް