ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ދެއްކި ވާހަކަތައް ހުއްޓިއްޖެ: މާލީ ވަޒީރު
"މިސާލަކަށް އިއްޔެގަވެސް ރޭޓިންގ އެޖެންސީތަކުން ވާހަކަ ދެއްކިއިރުވެސް ބުނެފަ އޮންނާނެ ޚަރަދު ކުޑަކުރާށޭ، އެކަމަކު ރާއްޖެ ބަނގުރޫޓުވުމާއި ނޫނީ އިންސޯލްވަންސީއަށް ދިއުމާދޭތެރޭ ވާހަކަ ދެއްކުން މިހާރު ހުއްޓިއްޖެ. އެއީ ހަމަ ރައީސް މުއްޒިގެ ހަރުދަނާ ސިޔާސަތުގެ ދަށުންނޭ އަޅުގަނޑު ދަންނަވާނީ"
ރާއްޖޭ ބަނގުރޫޓުވެދާނެ ކަމަށް މާލީ އިދާރާތަކުން ދައްކަމުން އައި ވާހަކަ ދެއްކުން މިހާރު ހުއްޓާލާފައިވާ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާގެ ހަރުދަނާ ސިޔާސަތުގެ ސަބަބުން ކަމަށް މާލީ ވަޒީރު މުސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލު ކުރުމުގެ ފުރުސަތުގައި މެންބަރު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ވަޒީރު ވިދާޅުވީ ރާއްޖެ ބަނގުރޫޓު ވެދާނެ ކަމަށް ރޭޓިން އެޖެންސީ ތަކާއި އައިއެމްއެފް ފަދަ ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކުން ކުރިން ދައްކަމުން އައިސްފައިވާ ވާހަކަ މިހާރު ހުއްޓިފައިވަނީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުން ހޯދުނު ކުރިއެރުންތަކުގެ ސަބަބުން ކަމަށެވެ.
"މިސާލަކަށް އިއްޔެގަވެސް ރޭޓިންގ އެޖެންސީތަކުން ވާހަކަ ދެއްކިއިރުވެސް ބުނެފަ އޮންނާނެ ޚަރަދު ކުޑަކުރާށޭ، ޚަރަދު ކުޑަކުރާށޭ. އެކަމަކު ރާއްޖެ ބަނގުރޫޓުވުމާއި ނޫނީ އިންސޯލްވަންސީއަށް ދިއުމާދޭތެރޭ ވާހަކަ ދެއްކުން މިހާރު ހުއްޓިއްޖެ. އެއީ ހަމަ ރައީސް މުއިއްޒުގެ ހަރުދަނާ ސިޔާސަތުގެ ދަށުންނޭ އަޅުގަނޑު ދަންނަވާނީ" މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން މެންބަރަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ވަޒީރު ވިދާޅުވީ ދައުލަތުން ނަގާފައިވާ ދަރަނި ދެއްކުމަށް ދައުލަތުގެ އާމްދަނީގެ %24 ދައްކަންޖެހޭ ކަމަށެވެ.
ފޭދޫ ދެކުނުދާއިރާގެ މެންބަރު އިބްރާހީމް ދީދީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މާލީ ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު 124 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ވޭތުވެދިޔަ އެމް.ޑީ.ޕީގެ ސަރުކާރުން ނަގާފައިވާ ދަރަނި ކަމަށެވެ.
ވަޒީރު ވިދާޅުވީ ރައީސް މުއިއްޒު މިހާރު މަސައްކަތް ކުރައްވައިގެން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ ގޮތަށް ބަޖެޓު ފޯމިއުލޭޓުކޮށް ބައެއް ދަރަނި ދެއްކުމަށް ޕްލޭންތައް ކުރައްވާފައިވާ ކަން އުފަލާއެކު ފާހަގަ ކުރައްވާ ކަމަށެވެ.
ރިއެކްޝަންސް