އީގަލް ހިލްސް ފަދަ ބޮޑު އިންވެސްޓްމަންޓެއް ރާއްޖެއަށް ލިބުމުން އެކަމަށް މަރުޙަބާ ކިޔަންޖެހޭ: މެންބަރު އިއްބެ
އީގަލް ހިލްސް ފަދަ ބޮޑު އިންވެސްޓްމަންޓެއް ދިވެހިރާއްޖެއަށް ލިބުމުން އެކަމަށް އިޖާބަދީ، މަރުޙަބާ ކިޔަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މެންބަރު އިއްބެ ވިދާޅުވީ، އީގަލް ހިލްސްއިން ރާއްޖޭގައި ކުރަން ބޭނުންވާ އިންވެސްޓްމަންޓަކީ މިހާތަނަށް ރާއްޖެއަށް ކުރެވިފައިވާ އިންވެސްޓްމަންޓްތަކާ އަޅާބަލާއިރު އެތައް ހާސް ގުނައެއް ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މިފަދަ ބޮޑު އިންވެސްޓްމަންޓެއް މި ޤައުމަށް ގެނެވިގެންދާއިރު އެކަން ބަލައިގަނެ، އެންމެހައި ރައްޔިތުން އާ ބަސް ކިޔަން ޖެހޭކަމަށް މެންބަރު އިއްބެ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚަށް އަލިއަޅުއްވާލައްވަމުން މެންބަރު އިއްބެ ވިދާޅުވީ، 1972 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިކަން ފެށުނު ފަހުން ވޭތުވެދިޔަ ގާތްގަނޑަކަށް 54 އަހަރު ދުވަހުގެ ތެރޭގައި މުޅި މި ސިނާޢަތަށް ނުވަތަ ރާއްޖެއަށް ކުރެވިފައިވަނީ ޖުމްލަ 6.7 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި ދައްކާ ވާހަކައަކީ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި މި ޤައުމުގައި ކުރެވިގެންދާނެ ވާހަކަ. އަޅުގަނޑުމެން މި ޤައުމުގެ ކުރީގެ ނުވަތަ މިހާރު އިންވެސްޓްމަންޓް ކުރަމުންދާ ރޭޓަށް ބަލާނަމަ، ކުރިއަށް އޮތް 150 އަހަރު ދުވަހުގެ ތެރޭގައި މި ޤައުމަށް ކުރެވޭނެ އިންވެސްޓްމަންޓް، އެންމެ 10 އަހަރުން މި ޤައުމަށް ގެނެސް މި ޤައުމުގައި ކުރެވިގެންދާނެ ވާހަކަ މި ދައްކަނީ،" މެންބަރު އިއްބެ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވަމުން މެންބަރު އިއްބެ ވިދާޅުވީ، ފިކުރު ތަފާތުވުމުގެ ސަބަބުން ވެރިކަން ނުލިބިދާނެތީ ހިތުހުރިހާ ވާހަކައެއް ދައްކައިގެން، ދޮގާއި މަކަރުން ވެރިކަން ހޯދަން އުޅުނަސް އެކަން ކާމިޔާބު ނުވާނެ ކަމަށެވެ.
"ސިޔާސީ ފިކުރު ތަފާތުވި ނަމަވެސް، ވެރިކަން ނުލިބިދާނެތީ އަޅުގަނޑުމެން ހިތުހުރިހާ ވާހަކަތަކެއް ދައްކައިގެން ދޮގާ މަކަރުން ވެރިިކަން ހޯދަން އުޅުނަސް އެކަން ނުވާނެ" މެންބަރު އިއްބެ ވިދާޅުވިއެވެ.
މެންބަރު އިއްބެ އިތުރަށް ވިދާޅުވީ، ސިޔާސީ ފިކުރުތަކުން އެއްކިބާވެ، ދިވެހިންނާއި ދިވެހިރާއްޖޭގެ ލާބައާއި މަންފާއަށްޓަކައި މި ސަރުކާރުން ކުރައްވަމުން ގެންދަވާ އިޤްތިޞާދީ މަސައްކަތްތައް ބަލައިގަންނަން ޖެހޭ ކަމަށެވެ. އަދި ޤައުމުގެ ކުރިއެރުމަށް ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމަކީ ޤައުމީ ވާޖިބެއްކަމުގައި މެންބަރު އިއްބެ ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް

