ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތްކޮށްފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީއަށް ޒިޔާރަތްކޮށްފި

2 hours ago - 21:04
Advertisement
Advertisement

ހަރުދަނާ ޞިއްޙީ ނިޒާމެއްގެވެސް މައިގަނޑު އަސާސަކީ، ރައްކާތެރި، ފެންވަރު ރަނގަޅު ބޭހާ މެދު އާންމުންގެ މެދުގައި އޮންނަ ޔަޤީންކަމާއި، ކުރާ އިތުބާރުކަން ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ރެގިއުލޭޓަރީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިފަދައިން ގޮވާލެއްވީ، އިސްލާމްއާބާދުގައި ހުންނަ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އޮފް ޕާކިސްތާން (ޑްރެޕް) އަށް ބުދަ ދުވަހު ކުރެއްވި ޒިޔާރަތުގައި އެ އިދާރާގެ އިސްވެރިންނާއި މުވައްޒަފުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އެކަމަނާ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

ރައްކާތެރި އަދި ފެންވަރު ރަނގަޅު ބޭސް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަކީ ދިވެހިރާއްޖެ ފަދަ، ރަށްތައް ވަކިވަކީން އޮންނަ ޖަޒީރާ ޤައުމަކުން، ޤައުމީ ފެންވަރުގައި އެންމެ ބޮޑު އިސްކަމެއް ދޭ އެއްކަންތައްކަމާއި، އެއީ ދެމިގެންދާ ޒިންމާއެއްކަން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މި އިތުބާރު ދެމެހެއްޓޭނީ ހަރުދަނާ ސައިންޓިފިކް މިންގަނޑުތަކާއި، ވަރުގަދަ ރެގިއުލޭޓަރީ އިދާރާތަކާއި، ބިނާކުރަނިވި ބައިނަލްއަގުވާމީ އެއްބާރުލުމުގެ ތެރެއިންކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ދޭދޭ ގުޅުމަށް އަލިއަޅުއްވާލައްވަމުން، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ޕާކިސްތާނުން ވެދެއްވާ އެހީތެރިކަމަށް، ޚާއްޞަކޮށް ޕާކިސްތާނުގެ ޞިއްޙީ މާހިރުން ރާއްޖޭގައި މަސައްކަތްކުރެއްވުމާއި، ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއި ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކުރުމުގައި ދެއްވާ އެއްބާރުލުމަށް އެކަމަނާ ޝުކުރުއަދާކުރެއްވިއެވެ.

ދެ ގައުމުގެ މެދުގައި މިއަދު ސޮއިކުރުމަށް ހަމަޖެހިފައިވާ މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގް އޮން ހެލްތު ކޯޕަރޭޝަން ނުވަތަ ސިއްހީ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމުގެ ފަހުމުނާމާއަކީ ކުރިއަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ. މި އޮނިގަނޑުގެ ދަށުން ފަންނީ މައުލޫމާތު ބަދަލުކުރުމާއި، ގާބިލުކަން އިތުރުކުރުމާއި، ރެގިއުލޭޓަރީ ދާއިރާގެ އެންމެ ރަނގަޅު އުސޫލުތައް ހިއްސާކުރުމަށް މަގުފަހިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. އަދި މި ގުޅުމުގެ ޙަޤީޤީ އަގު ވަޒަންކުރެވޭނީ ހަރުދަނާ ޞިއްޙީ ނިޒާމެއްގެ ތެރެއިން، ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުންކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން، ޕާކިސްތާނުގެ ސަރުކާރަށާއި ރައްޔިތުންނަށް އެކަމަނާ ޝުކުރުއަދާކުރެއްވިއެވެ. އަދި އާންމު ޞިއްޙަތު ރައްކާތެރިކުރުމުގައި ޑްރެޕްގެ އިސްވެރިންނާއި މުވައްޒަފުން ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި، ދެ ގައުމުގެ މެދުގައި އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެކަމުގެ އުންމީދު އައުކުރެއްވިއެވެ.

ޑްރެޕްއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ އިސްލާމްއާބާދުގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތަށް ޒިޔާރަތްކުރައްވައި، އެތަން ބައްލަވާލައްވާފައެވެ.

 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement