ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ރަސްމީ މަޝްވަރާތަކެއް ކުރިއަށްގެންގޮސްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފާއެކު ދޭދޭ ރަސްމީ މަޝްވަރާތައް މިއަދު ކުރިއަށްގެންދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އިސްވެ ތިއްބަވައިގެން ކުރިއަށްގެންދެވި މި މަޝްވަރާތައް އޮތީ ޕާކިސްތާނުގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު، ޕްރައިމް މިނިސްޓަރ ހައުސްގައި، މިއަދު ހެނދުނުއެވެ.
މި މަޝްވަރާތަކުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، ދިވެހިރާއްޖޭގެ ވަފުދަށް ޕާކިސްތާނުން އަދާކުރެއްވި ހޫނު މެހެމާންދާރީ ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާއާއި ދިވެހި ވަފުދަށް މަރުޙަބާ ދެންނެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމުގައި ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވެސް ވިދާޅުވިއެވެ.
ދެ ޤައުމުގެ ލީޑަރުން ވަނީ ޒަމާންވީ، ދޭދޭ، އެކުވެރިކަމުގެ ގުޅުމަށް އަލިއަޅުއްވާލައްވައި، ވިޔަފާރިއާއި އިންވެސްޓްމަންޓް، ސިއްހަތާއި ތައުލީމު، ތިމާވެއްޓާއި ފަތުރުވެރިކަން، މަސްވެރިކަމާއި ދަނޑުވެރިކަން، ޒުވާނުންނާއި ކުޅިވަރު، ދިފާއީ އަދި ސަލާމަތީ ދާއިރާ، ތަމްރީނާއި ގާބިލުކަން އިތުރުކުރުން، އަދި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ގުޅުން ފަދަ މުހިންމު ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް އިސްކަންދޭ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އަދި، ދިވެހިރާއްޖޭގެ ފަސް މިލިއަން ގަސް ޕްރޮގްރާމަށް ޕާކިސްތާނުން ދެއްވި އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑުވަޒީރަށް ޝުކުރުއަދާކުރައްވާފައެވެ.
މި މަޝްވަރާތައް ނިންމަވާލައްވަމުން، ބައިނަލްއަގުވާމީ މައިދާނުގައި ދެ ޤައުމުން އިސްކަންދޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުން އިތުރަށް ހަރުދަނާކުރުމަށް ދެ ލީޑަރުންވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ. މީގެ ތެރޭގައި ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 13 މިލިއަން އެމެރިކާ ޑޮލަރުން 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމާއި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުން ހަރުދަނާކުރުން ހިމެނެއެވެ.
މިހިނގާ އޮކްޓޫބަރު މަހުގެ 20 އިން 22 އަށް، ރައީސުލްޖުމްހޫރިއްޔާ ޕާކިސްތާނަށް ކުރައްވަމުންގެންދަވާ މި ފުރަމާނަ ދަތުރުފުޅަކީ، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝަހްބާޒް ޝަރީފްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ރިއެކްޝަންސް

