އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހުން ހަމަހަމަކަން ޤާއިމުވެގެންދާނެ: މެންބަރު އިއްބެ

އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހުން ހަމަހަމަކަން ޤާއިމުވެގެންދާނެ: މެންބަރު އިއްބެ

2 hours ago - 08:16
Aug 18, 2026 - 08:18

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނު"އަށް އިސްލާހު ގެނައުމުގެ ބިލު ފާސްވުމުން ވިޔަފާރީގެ ދާއިރާގައި ހަމަހަމަ އުސޫލަކުން ކަންކަން ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.

މެންބަރު އިއްބެ މިހެން ވިދާޅުވީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ބަޙުސް މަރުޙަލާގައެވެ. ބަޙުސްގައި ވާހަކަދައްކަވަމުން މެންބަރު އިއްބެ ފާހަގަކުރެއްވި ގޮތުގައި، މިހާރު ކަންކަން ހިނގަމުންދާ އުސޫލުން ބޭރުގެ ކޮންޓްރެކްޓަރުން ރާއްޖޭގައި ވިޔަފާރިކުރާއިރު އެއްވެސް ޓެކްސްއެއް ދައްކަން ނުޖެހުމަކީ އެންމެ އިންސާފުވެރި އަދި ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ޤައުމުގެ ވިޔަފާރީގެ ނިޒާމު ބައްޓަންކުރަންވާނީ ދިވެހި ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފުރުސަތުތައް އިތުރުވާނެ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެހެންނޫންނަމަ އަޅުގަނޑުމެންނަށް ފެނިގެންދާނީ ދިވެހިން ނިކަމެތިވެގެންދާތަން. އަޅުގަނޑުމެންނަކީ ތަރައްޤީވަމުންދާ ޤައުމަކަށްވާއިރު މިއަދުގެ ހާލަތު އޮތްގޮތުން ވިތްހޯލްޑިން ޓެކްސް އިތުރުކުރުމަކީ ކުރަން މުހިންމުކަމެއް،" މެންބަރު އިއްބެ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރެވެ. މިހާރު ޤާނޫނު އޮތްގޮތުން ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ފަރާތަކަށް، ދިވެހިރާއްޖޭގައި ހުރި ދާއިމީ މަރުކަޒެއް މެދުވެރިކޮށް ލިބޭ އާމްދަނީއަކުން ވިތުހޯލްޑިންގ ޓެކްސް ދައްކާފައިވާނަމަ، އެގޮތަށް ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހުނު އާމްދަނީގެ އަދަދަކީ އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އުނިކުރެވިދާނެ އަދަދެއްގެ ގޮތުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ޓެކްސް ދައްކާ ފަރާތުން އެގޮތަށް އަމަލުކުރަން އިޚްތިޔާރުކޮށްފިނަމަ، އެ ފަރާތުގެ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި އެ އާމްދަނީއާ ގުޅިގެން އިތުރު އެއްވެސް އަދަދެއް އުންޏެއް ނުކުރެވޭނެ ކަމަށްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow