ރަސްމާލެ މަޝްރޫޢުގެ ސަބަބުން ރައްޔިތުންގެ ބޯހިޔާވަހިކަމަކަށް އުނިކަމެއް ނާންނާނެ: ރައީސް
ދުބާއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާ ގުޅިގެން ރަސްމާލޭގައި ތަރައްޤީކުރާ "މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢުގެ ސަބަބުން، ދިވެހި ރައްޔިތުންނަށް ދިނުމަށް ވަޢުދުވެފައިވާ އެއްވެސް ބޯހިޔާވަހިކަމަކަށް އުނިކަމެއް ނާންނާނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވީ ދާދިފަހުން ގެނެސްދިން "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، ރަސްމާލެއިން ދޫކުރި 500 ހެކްޓަރުގެ ބިމަކީ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރުގެ މުއްދަތަށް ތަރައްޤީކުރުމަށް ދިން ބިމެއް ކަމަށެވެ. އަދި އެ މަޝްރޫޢަށްފަހު ބާކީ އޮތް 500 ހެކްޓަރުގެ ބިން މުޅިންވެސް ޚާއްޞަކޮށްފައިވަނީ ދިވެހި ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުންގެ ގެދޮރުވެރިކަމަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރަސްމާލެ ތަރައްޤީކުރެވެމުން ދަނީ ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" ނުވަތަ ކާބަން ނިއުޓްރަލް، ޒަމާނީ ސްމާޓް ސިޓީއެއްގެ ގޮތުގައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ އަދި ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރިއެކްޝަންސް

