ދޮގު ޑޮކިއުމަންޓްރީތަކުން ލިބެނީ ހުސް ފައިދާ، ކިތަންމެ ވަރަކަށް ހެދިޔަސް ފަރުވާލެއް ނެތް: ރައީސް މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަބުރު ކަތިލުމުގެ މަގްސަދުގައި ވާދަވެރިން ތައްޔާރުކުރާ ދޮގު ޑޮކިއުމަންޓްރީތަކުގެ ސަބަބުން އެމަނިކުފާނަށް ލިބެނީ ހުސް ފައިދާ ކަމަށާއި، އެފަދަ ކަންކަމަށް ފަރުވާލެއް ނެތް ކަމަށް ވިދާޅުވެ ވާދަވެރިންނަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ވާދަވެރިން އެމަނިކުފާނާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ޑޮކިއުމަންޓްރީތައް ހަދާތީ އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި، އެކަމަށްޓަކައި މާތް ﷲ އަށް ހަމްދު ކުރައްވާ ކަމަށެވެ.
"އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ތުހުމަތުތަކެއްކޮށް، ގަޛުފު ހިމެނޭ ގޮތަށް ތައްޔާރުކުރި ވީޑިއޯއެއްގެ މައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި ރައީސް ވިދާޅުވީ، އެ ޑޮކިއުމަންޓްރީގައި ހުރީ މުޅިންވެސް ދޮގު ވާހަކަތައް ކަމަށެވެ. އަދި އިސްލާމްދީނުގައި ކެތްތެރިކަމަށް ދީފައިވާ މަތިވެރި ގަދަރަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އަބުރު ކަތިލެވިގެންދާއިރު ކެތްތެރިވާ މީހާއަށް އޮތީ މަތިވެރި ސަވާބު ކަމަށެވެ.
"އެހެންވެ، އަޅުގަނޑު އުފާކުރަން. އަޅުގަނޑު އެދެނީ ގިނަ ގިނައިން ޑޮކިއުމެންޓްރީ ހަދައިގެން ނެރެން. އަޅުގަނޑާ ބެހޭ ގޮތުން ތެދު ބަހުން ޑޮކިއުމެންޓްރީއެއް އަޅުގަނޑުގެ އަބުރު ކަތިލާކަށް ނުނެރެވޭނެ ޔަގީނުން ވެސް. ހުސް ދޮގު ހަދަން ޖެހޭނީ. ހުސް ދޮގު ހަދައިގެން ގިނައިން ނެރެންވީ. އަޅުގަނޑަށް އޭގައި އޮތީ ހުސް ފައިދާ. މި ދުނިޔޭގައި ވެސް އަދި އާހިރަތުގައި ވެސް އަޅުގަނޑަށް ފައިދާ އޮތީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމަނިކުފާނާއި އަނބިކަނބަލުން ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ދުރުކުރުމަށް ބަޔަކު ރާވަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން ރައީސް ވިދާޅުވީ، ފަސްޓްލޭޑީ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކީ ދަރިކަލުންގެ ކައިރިއަށް ކުރެއްވި، މާ ކުރިން ރޭވިފައިވާ ދަތުރުފުޅެއް ކަމަށެވެ.
އިދިކޮޅު ފަރާތްތަކަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، ގައުމަށް މިއަދު ބޭނުންވަނީ ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ކަމަށާއި، "ބަތް ކައްކާ ކުޅޭ" ނުވަތަ "ދެއުޅިއެއް ނުވާ" ގޮތަށް އުޅޭ ބަޔަކު އިދިކޮޅުގައި ތިބެގެން ގައުމަށް ކުރާނެ ފައިދާއެއް ނެތް ކަމަށެވެ. ކުރީގެ ރައީސުން ކަމަށްވާ ނަޝީދު، ސޯލިހު އަދި ޔާމީނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، "ހުސް ފެއިލިއަރުން" ނުކުމެ ގައުމުގެ ވާހަކަ ދެއްކުމުން ޒުވާނުން ތިބީ މާޔޫސްވެފައި ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، "އަދަދު" ނޫހުގެ ޑޮކިއުމަންޓްރީގައިވާ ވާހަކަތައް އިތުރަށް ފެތުރުން ހުއްޓުވުމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު ގޭގް އަމުރެއް ނެރެފައެވެ. މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރައީސް މުއިއްޒާއި އެމަނިކުފާނުގެ އާއިލާގެ އަބުރު ކަތިލުމަށް ވާދަވެރިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ރިއެކްޝަންސް

