ޕީއެންސީގެ ފަރާތުން ފަސް ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންބަރުތައް ކަނޑައަޅައިފި

ޕީއެންސީގެ ފަރާތުން ފަސް ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންބަރުތައް ކަނޑައަޅައިފި

2 hours ago - 03:13

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ފަސް ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބުކޮށް، ގުރުއަތުލުން  ބާއްވައިފިއެވެ.


އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން އިއްޔެ ހެނދުނު 10:00 ގައި މުޅި ރާއްޖޭގައި އެއްވަގުތެއްގައި ކުރިއަށްގެންދިޔަ މި ގުރުއަތުލުމުގައި، މާލެ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޓަޔަރޑް މޭޖަރ ޖެނެރަލް މޫސާ ޖަލީލަށް ލިބިވަޑައިގަތީ ކެންޑިޑޭޓް ނަންބަރު 4 އެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިއީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށްވެސް ލިބިވަޑައިގަތް ނަންބަރެވެ. 


އެހެން ސިޓީތަކުގެ މޭޔަރުކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓުންނަށް ލިބިވަޑައިގަތް ނަންބަރުތަކަކީ:

އައްޑޫ ސިޓީ: މުޝްރިފް އަލީ - ކެންޑިޑޭޓް ނަންބަރު 2


ފުވައްމުލައް ސިޓީ: އަލީ މަސީހް - ކެންޑިޑޭޓް ނަންބަރު 2


ތިނަދޫ ސިޓީ: މުޙައްމަދު އަޖީބް - ކެންޑިޑޭޓް ނަންބަރު 1


ކުޅުދުއްފުށި ސިޓީ: އިބްރާހީމް ޙަސަން - ކެންޑިޑޭޓް ނަންބަރު 1

މި އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅި 2,994 ކެންޑިޑޭޓުންގެ ތެރެއިން، ބައެއް ފަރާތްތަކުން ނަން އަނބުރާ ގެންދިއުމާ ގުޅިގެން މިހާރު އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 2,927 ކެންޑިޑޭޓުންނެވެ. އޭގެ ތެރޭގައި 6 ސިޔާސީ ޕާޓީއަކުން ވާދަކުރާ 1,210 ކެންޑިޑޭޓުންނާއި، އަމިއްލަ ގޮތުން ވާދަކުރާ 401 ކެންޑިޑޭޓުން ހިމެނެއެވެ.


މިފަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ވެރިކަންކުރާ ޕީއެންސީގެ ފަރާތުންނެވެ. އެ ޕާޓީގެ ޓިކެޓުގައި 665 ކެންޑިޑޭޓުން ވާދަކުރެއެވެ.


އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތު ދޭ ގޮތުގައި، ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފައިވާ ދާއިމީ ލިސްޓު ކުރިއަށް އޮތް ހޮނިހިރު ދުވަހު ރަސްމީކޮށް އިޢުލާނު ކުރާނެއެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިގެންވެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow