ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފަށައިފި
ސީޕްލޭން ޚިދުމަތް މޯލްޑިވިއަން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، ޤައުމީ އެއަރލައިން "މޯލްޑިވިއަން" ގެ ސީޕްލޭން ދަތުރުތައް އއ. ތޮއްޑޫއަށް ރަސްމީކޮށް ފަށައިފިއެވެ.
ސީޕްލޭންގެ ޚިދުމަތް ތޮއްޑޫގައި ފެށުމަށްޓަކައި އެކަމަށް ޚާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝާރަފްވެރިކޮށްދެއްވީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި އައިލަންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާދު އާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ އިސް ބޭފުޅުންގެ އިތުރުން ތޮއްޑޫ ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ތޮއްޑޫއަށް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.
އަދި ސީޕްލޭންގެ ޚިދުމަތަށް އޮތް ޑިމާންޑަށް ބަލައި ކުރިއަށް އޮތް ތަނުގައި ދަތުރުތަކުގެ އަދަދު އިތުރުކުރާނެކަމަށް މޯލްޑިވިއަނުން ބުންޏެވެ. މި ދަތުރުތަކަށް ދިވެހިންނަށް ޚާއްސަ އަގުތަކެއް ކަނޑައަޅާފައިވާއިރު، އެއްކޮޅު ޓިކެޓެއްގެ އަގަކީ 799 ރުފިޔާއެވެ.
މި ޚިދުމަތް ފެށުމާ ގުޅިގެން، ތޮއްޑޫގައި ސީޕްލޭން ޕްލެޓްފޯމެއް ޤާއިމުކޮށް، ދަތުރުވެރިންނަށް ފަސޭހަކަމާއެކު ޗެކިންގ ހެދޭނެ އިންތިޒާމު ތޮއްޑޫ ކައުންސިލް އިދާރާގައި މިހާރު ވަނީ ހަމަޖައްސާފައެވެ.
އއ. ތޮއްޑޫއަކީ ރާއްޖޭގެ މަންޒިލްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަންޒިލަކަށްވެފައި، ސީޕްލޭންގެ ޚިދުމަތް ތަޢާރަފްކުރުމާއެކު ތޮއްޑޫގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ކުރުއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





