އޭއައި ޓެކްނޮލޮޖީއާއެކު ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އެތައް ގުނަ އަވަސްވެގެންދާނެ: މެންބަރު އިއްބެ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީ ބޭނުންކޮށްގެން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް މިހާރަށްވުރެ އަވަސްވެގެންދިއުމަކީ، މި ސަރުކާރުގެ އިސް އެއް އަމާޒުކަމަށް، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ޙުސައިން (އިއްބެ) ވިދާޅުވެއްޖެއެވެ.
މެންބަރު އިއްބެ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްދިޔަ "މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން" ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން މެންބަރު އިއްބެ ފާހަގަކުރެއްވިގޮތުގައި، މި ބިލަކީ މުސްތަގުބަލުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ހުށަހެޅިފައިވާ ވަރަށް ބޭނުންތެރި ބިލެއް ކަމަށެވެ.
ދުނިޔޭގެ ޒަމާނީ ޓެކްނޮލޮޖީ އޭއައި އަށް ބަދަލުވަމުންދާކަން ފާހަގަކުރައްވައި މެންބަރު އިއްބެ ވިދާޅުވީ، މިފަދަ ގާނޫނީ އޮނިގަނޑެއްގެ ސަބަބުން ރާއްޖޭގެ ޚިދުމަތް ދިނުމުގެ ނިޒާމު މުޅިން އެހެން ހަރުފަތަކަށް ބަދަލުވެގެންދާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އެތައް ފައިސާއެއް ސަލާމަތް ކުރެވި، ރައްޔިތުންނަށް ލުއި ފަސޭހަ ނިޒާމެއްގެ ދަށުން ޚިދުމަތް ފޯރުކޮށްދިނުމުގައި، ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
"މިސާލަކަށް ދަންނަވާނަމަ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެގެން އާކުރަންޖެހިއްޖެ ހާލަތެއްގައި، އޭއައި ސޮފްޓްވެއަރ މެދުވެރިކޮށް މިފަދަ ޚިދުމަތްތަކަށް ހޭދަވާ ވަގުތު ކުޑަވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޮރުކޮށްދެވޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ" މެންބަރު އިއްބެ ވިދާޅުވިއެވެ.
މެންބަރު އިއްބެ އިތުރަށް ވިދާޅުވީ، މިހާރު ބައެއް އޮފީސްތަކުން ޚިދުމަތް ހޯދުމުގައި ދިމާވާ ލަސްތަކާއި، ޖަވާބުދާރީވުމުގައި ހުންނަ ދަތިތަކަށް މިފަދަ ޒަމާނީ ސޮފްޓްވެއަރތަކުގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށެވެ. މީގެ ސަބަބުން ސަރުކާރުގެ އޮފީސްތަކުގެ ހިންގުން ހަރުދަނާވެ، ހަލުވިވެގެންދާނެ ކަމުގެ ޔަގީންކަން މެންބަރު އިއްބެ އެރުވިއެވެ.
"މޯލްޑިވްސް 2.0" އަކީ ރާއްޖެ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ގެންގުޅުއްވާ ގައުމީ ތަސައްވުރެކެވެ. މި ތަސައްވުރުގެ ދަށުން، ސަރުކާރުން ޚިދުމަތް ދޭ ގޮތާއި، އިގްތިޞާދީ ކުރިއެރުމާއި، އަދި ޒަރޫރީ މައުލޫމާތުތައް ކޮންމެ ރަށެއްގެ ކޮންމެ ރައްޔިތަކަށް ފަސޭހައިން ލިބޭނެ ގޮތް ބައްޓަންކުރުމަށް ވަނީ ރޭވިފައެވެ. އަދި މި މިސްރާބަށް ވާސިލްވުމަށް އަށް ލަނޑުދަނޑިއެއް ކަނޑައަޅާފައިވާއިރު، އޭގެ މައިގަނޑު ބޭނުމަކީ ދެފުށް ފެންނަ، އިތުބާރު ހުރި އަދި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެވޭނެ ފަދަ ވެރިކަމުގެ ނިޒާމެއް ހަރުދަނާކުރުމެވެ.
ރިއެކްޝަންސް

