އައްޑޫގައި އެންސްޕާގެ ކޯލް ސެންޓަރު ގާއިމްކޮށް، ހިދުމަތް ދޭ ވަގުތު އިތުރުކޮށްފި
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އައްޑޫ ސިޓީގައި އެ އެޖެންސީގެ ކޯލް ސެންޓަރެއް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތުން ބުނީ، މިއަދުން ފެށިގެން އެންސްޕާގެ ކޯލް ސެންޓަރުގެ ހިދުމަތްދޭ ވަގުތުތަކަށް ބަދަލު ގެނެސް، ހިދުމަތް ލިބޭ ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން، ހުކުރު ދުވަސް ފިޔަވައި ހަފްތާގެ ހުރިހާ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އާ ހަމައަށް މި ހިދުމަތް ރައްޔިތުންނަށް ލިބިގެންދާނެއެވެ.
އައްޑޫގައި އަލަށް ގާއިމްކުރެވުނު ކޯލް ސެންޓަރާއެކު، އެންސްޕާގެ އެހީތެރިކަމަށް އެދޭ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. ޚާއްޞަކޮށް، ހިދުމަތް ދޭ ވަގުތު އިތުރުވުމަކީ އެހީއަށް އެދޭ ފަރާތްތަކަށް މައުލޫމާތު ސާފުކުރުމުގައާއި މައްސަލަތައް ހުށަހެޅުމުގައި ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މީގެ އިތުރުން، އެންސްޕާއިން ދެމުން އަންނަ ގިނަ ހިދުމަތްތަކަކަށް މިހާރު 'ވަންގަވް' ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި:
- އެކަނިވެރި މައިންބަފައިންނަށް ދޭ މާލީ އެހީ
- ކާބޯތަކެތި ގަތުމަށް ދޭ މާލީ އެހީ
- ތެލެސީމިއާ އެލަވަންސް.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީއާއި ތެރަޕިއުޓިކް ފަރުވާގެ އެހީ
- މައިންބަފައިންގެ އެހީތެރިކަމެއް ނެތި ކުދިން ބަލަހައްޓާ ފަރާތްތަކަށް ދޭ އެހީ
އެންސްޕާގެ ހިދުމަތްތަކާ ގުޅޭ އެންމެހާ މައުލޫމާތު ސާފުކުރުމަށާއި، މެޑިކަލް ވެލްފެއަރ ނުވަތަ ބޭސްފަރުވާގެ އެހީއަށް އެދުމާ ގުޅޭގޮތުން ސުވާލުކުރުމަށް އެ އެޖެންސީގެ ހޮޓްލައިން ނަންބަރު "1402" އަށް ގުޅޭނެއެވެ. އަދި ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށްވެސް މި ނަންބަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެންސްޕާއިން ބުނެއެވެ.
ރިއެކްޝަންސް





