ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
މާލެއަށް ކުރަމުންދާ ވިއްސާރައިގައި، ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދި ބައިގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބާރުސްޕީޑުގައި ކުރަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރައްވައިގެން ތަރައްގީކޮށްފައިވާ ބޮޑުތަކުރުފާނު މަގުގެ މި ބައި އާންމު ދަތުރުފަތުރަށް ހުޅުވާލިއިރު، އެ މަގުގައި ފުރިހަމަކުރަންޖެހޭ ބައެއް އިތުރު މަސައްކަތްތަކެއް ހުރިކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. މިކަމާ ގުޅޭގޮތުން 24 ޖުލައި 2026 ގައި އެމްޓީސީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މަގުގެ ފެންހިންދުމުގެ ނިޒާމު ފުރިހަމަކުރުމަށްޓަކައި ބަހައްޓަންޖެހޭ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް މިހާތަނަށް އޮތީ ނުނިމި ކަމަށެވެ.
މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން، އެމްޓީސީސީން މިހާރު ވަނީ ޚާއްޞަ ތާވަލެއް އެކުލަވާލާފައެވެ. އެގޮތުން، އެ 3 ޕަމްޕު ސްޓޭޝަން ބަހައްޓައި، ޓެސްޓުކޮށް އަދި ކޮމިޝަންކުރުމުގެ ހުރިހާ މަސައްކަތްތަކެއް އަންނަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމުމަށް ވަނީ ކަނޑައަޅާފައެވެ. މި މަސައްކަތް އެއްކޮށް ނިމުމުން، ވިއްސާރަ ދުވަސްވަރު އެ ސަރަހައްދުގައި ފެންބޮޑުވާ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޕަމްޕުތައް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާއިރުވެސް، މާލެއަށް ކުރާ މޫސުމީ ވިއްސާރައިގެ ސަބަބުން ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާ ހާލަތްތަކުގައި، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް އެމްޓީސީސީން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ.
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ތަރުތީބުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހިމެނޭ ބައެކެވެ. މަގުގެ ހުރިހާ މަސައްކަތްތަކެއް ނިމިގެންދާއިރު، އެ ސަރަހައްދަކީ ހިނގާބިގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރަށް ރައްކާތެރި، އަދި ދަތުރުފަތުރަށް ފަސޭހަ ސަރަހައްދަކަށް ވެގެންދާނެއެވެ.
ރިއެކްޝަންސް





