ހުއްދަނެތި އުމްރާއަށް ގެންދަން ފައިސާ ނަގާ 2 ކުންފުންޏަކާމެދު ސަމާލުވާން އެދިއްޖެ
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހުއްދަނެތި އަލް މަޝްއަރު ޙައްޖު ޢުމްރާ އަދި ވަޑި ޙައްޖު އެންޑް ޢުމްރާ އިން ފައިސާ ނަގަމުންދާތީ ސަމާލުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ވަނީ އެދިފަ
ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން ނަގަންޖެހޭ ހުއްދަ ނެތި ޢުމްރާއަށް މީހުން ގެންދިއުމަށް ދެ ކުންފުންޏަކުން ފައިސާ ނަގަމުންދާތީ އެކަމަށް ސަމާލުވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިލްތިމާސް ކުރައްވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް ލިބިގެން ނޫނީ އެއްވެސް ފަރާތެއްގެ އަތުން އެއްވެސް ފައިސާއެއް ނަގައިގެން ނުވާނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވާ ގޮތުގައި ޢުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގެ ދަށުން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދެވޭނީ ޖެހިޖެހިގެން ދެއަހަރުގެ މުއްދަތަށް ކަމަށެވެ.
އެހެންކަމުން ހުއްދަނެތި އެޑްވާންސްކޮށް ފައިސާ ނެގުމަކީވެސް އުސޫލާ ޚިލާފު ކަމެއް ކަމަށް އެމިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި އަލްމަޝްއަރު ޙައްޖު ޢުމްރާ ކުންފުންޏާއި ވަޑި ޙައްޖު އެންޑް ޢުމްރާ ކުންފުނިން އުސޫލާ ޚިލާފަށް ފައިސާ ނެގަމުންދާކަން އެ މިނިސްޓްރީއަށް އެނގިފައިވާކަމެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތައް އެމިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށެވެ.
ރިއެކްޝަންސް