ޞިއްޙީ ޚިދުމަތްތެރިން, އަނބުރާ ޚިދުމަތަށް ނެރުމަށް އުސޫލުތަކެއް ކަނޑައަޅުއްވައިފި
ޞިއްޙީ ޚިދުމަތްތެރިން, އަނބުރާ ޚިދުމަތަށް ނެރުމަށް އުސޫލުތަކެއް ކަނޑައަޅުއްވައިފި
ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވޭޖް އުޞޫލުން މަސައްކަތްކުރެވޭނެ ގޮތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅުއްވާފައިވާ ޚާއްޞަ އުޞޫލު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އިފުތިތާޙު ކޮށްދެއްވައިފިއެވެ.
މި ޚާއްޞަ އުޞޫލު އިފުތިތާޙު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު ސިއްޙީ ވުޒާރާގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި، އެފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އެކުލަވާލައި، އެފަރާތްތައް ވޭޖް އުޞޫލުން ވަޒީފާއަށް ނެރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މިގޮތުން އާންމު އުޞޫލުން މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމުގެ ބަދަލުގައި، އިޢުލާނެއް ނެތި، ދަފުތަރުގައި ރެޖިސްޓްރީކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތަޢުލީމާއި، ތަޖުރިބާއާއި ހުނަރަށް ބަލައި، މެރިޓް އުޞޫލުން "ޞިއްޙީ ދާއިރާއަށް ޚާއްޞަ ޑައިރެކްޓް ރެކްރޫޓްމަންޓް" ގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމު މި އުޞޫލުގެ ތެރެއިން ހަމަޖެހިފައިވެއެވެ.
މި އުސޫލް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްޙީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވީ، ޚިދުމަތާ ދުރުވެފައިވާ ގިނަ ޚިދުމަތްތެރިންނަކީ، ޤައުމަށް ނުވަތަ ސިއްޙީ ދާއިރާއަށް ޚިދުމަތް ނުކުރުމުގެ ނިޔަތުގައި ދުރުވެފައިވާ ބައެއް ނޫންކަމަށެވެ. އަދި ސިއްޙީ ޚިދުމަތާއި ގިނަމ މީހުން ދުރުވެފައިވަނީ ޢާއިލީ އެކި ސަބަބުތަކާއި އިޖްތިމާޢީ ނުވަތަ އެވަގުތެއްގައި ދިމާވި ސިއްޙީ އެކި ސަބަބުތަކާއި ގުޅިގެންކަމަށެވެ.
"ވަރަށް ގިނަ ބޭފުޅުންނާ އަޅުގަނޑުމެންނާ މުޢާމަލާތު ކުރެވިއްޖެ. ވަރަށްގިނަ ބޭފުޅުން ބޭނުންވޭ އަލުން ޚިދުމަތަށް ނިކުމެވަޑައިގަންނަވަން. މިއީ މިބޭފުޅުންނަށް އަދި މިބޭފުޅުންގެ އާއިލާތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެ. ރައީސް އަބަދުވެސް ދެކެވަޑައިގަންނަވަނީ މިކަހަލަ މަސައްކަތްތަކެއްގެ ތެރެއިން އެއްކަމަކަށް އާމްދަނީ ލިބޭނެ މަގު ތަނަވަސްކޮށްދިނުން. ޤައުމަށް ޚިދުމަތްކުރުމުގެ ފުރުޞަތު ހޯދައިދިނުން. ދެވަނަ ކަމަކަށް ނަފްސާނީ ދުޅަހެޔޮކަން މިބޭބޭފުޅުންގެ އިތުރުކޮށްދިނުން." ސިއްޙި ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.
މި އުޞޫލުގެ ތެރެއިން ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަލުން ޚިދުމަތަށް ނެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ނުވިނަމަވެސް، އެ ފަރާތަކީ ޞިއްޙީގޮތުންނާއި، ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ޤާބިލު ފަރާތެއްކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަކަށް ނެގުމުގެ ފުރުޞަތު ދެވޭނެ ގޮތްވެސް މި އުސޫލުގެ ތެރެއިން ހަމަޖެހިފައިވެއެވެ.
ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކުލަވާލައްވާފައިވާ ޚާއްޞަ އުޞޫލެއް އެކުލަވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކެވެ.
ރިއެކްޝަންސް