މެލޭޝިއާގެ ބޮޑުވަޒީރު ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

މެލޭޝިއާގެ ބޮޑުވަޒީރު ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

1 hour ago - 20:49
Advertisement
Advertisement

މެލޭޝިއާގެ ބޮޑުވަޒީރު އޮނަރަބަލް ދާތޯ ސެރީ އަންވަރު އިބްރާހީމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.


މި މަހުގެ 14 އިން 15 އަށް ކުރައްވާ މި ދަތުރުފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ސްކޫލް ދަރިވަރުންގެ ޚާއްޞަ ސަޤާފީ ހުށަހެޅުމެއް ވަނީ ހުށަހަޅާފައެވެ. އަދި ބޮޑުވަޒީރަށް ރަސްމީކޮށް މަރުޙަބާ ދެންނެވުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު މާލޭގެ ރަސްމީ ފާލަން (އެއް ނަންބަރު ޖެޓީ) ސަރަޙައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.


މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހު ޙަވާލުވެވަޑައިގަތުމަށްފަހު އަންވަރު އިބްރާހީމް ރާއްޖެއަށް ކުރައްވާ މި ފުރަތަމަ ދަތުރުފުޅުގެ ދަޢުވަތު އެމަނިކުފާނަށް އެރުވީ، 2025 ވަނަ އަހަރުގެ އޭޕްރީލް މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.


މި ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްވަރާތަކުގައި ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުމުގެ އިތުރުން، އެކި ދާއިރާތަކުން ގުޅުން ފުޅާކުރެވިދާނެ އައު ދޮރުތައް ހުޅުވުމާ ގުޅޭގޮތުން ދެ ލީޑަރުން މަޝްވަރާކުރައްވާނެއެވެ. މީގެއިތުރުން، ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން މުހިންމު ދާއިރާތަކަކުން ފަހުމުނާމާތަކުގައި ސޮއިކުރެއްވުން ވެސް އޮންނާނެއެވެ.
މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ އިތުރުން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢިރުތިޝާމް އާދަމް، ބޮޑުވަޒީރުގެ އަރިހަށް ވަކިވަކިން އިޙްތިރާމުގެ ޒިޔާރަތްތަކެއް ކުރެއްވުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.


ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 58 އަހަރު ފުރިފައިވާއިރު، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި، ދޭދޭ ރައްޔިތުންގެ މެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާވެ، ތަރައްޤީގެ އެކި ދާއިރާތަކުން ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ މުހިންމު ދަތުރުފުޅެކެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement