ބަންކަރިން ޚިދުމަތުން މިހާތަނަށް 80 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިއްޖެ: މިނިސްޓަރު ސަޢީދު
ދިވެހިރާއްޖޭގައި އަލަށް ފެށި ބައިނަލްއަޤްވާމީ ބަންކަރިން ޚިދުމަތުން މިހާތަނަށް ދައުލަތަށް 80 މިލިޔަން ޑޮލަރުގެ ބޮޑު އާމްދަނީއެއް ލިބިފައިވާ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސަޢީދު ވިދާޅުވީ، މިއީ މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގެ އިޤްތިޞާދަށް ވަދެފައިވާ ފައިސާއެއް ނޫން ކަމަށާއި، މި ޚިދުމަތް އިތުރަށް ފުޅާވަމުންދާ ވަރަކަށް ކުރިއަށް އޮތް ތަނުގައި މި އާމްދަނީ މިއަށްވުރެ ވެސް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އުތުރުގައި އެއްވެސް ކަހަލަ ބަނދަރެއް ނެތި މި މަސައްކަތް ފެށި ނަމަވެސް، ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއެކު މި ޚިދުމަތުގެ އުންމީދު ބޮޑުވަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ހުރަސްކޮށް ދަތުރުކުރާ ބޯޓުފަހަރަށް ފުރިހަމަ ޚިދުމަތް ދިނުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، އަމަލީ ގޮތުން އިތުރު މަސައްކަތްތައް ފެށެން ވަރަށް ގާތްވެފައިވާ ކަމަށެވެ.
ރާއްޖޭގެ އިޤްތިޞާދު އެއް ދާއިރާއަކަށް ބަރޯސާވެފައި އޮތް އޮތުން ބަދަލުކޮށް، އިޤްތިޞާދު ސިންދަފާތުކޮށްގެން އާމްދަނީ އިތުރުކުރުމުގެ މަޤްޞަދުގައި ބަންކަރިންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކުރީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގައެވެ. މި ޚިދުމަތަކީ އެކަމަށް ޚާއްސަ އޮފްޝޯ ބޯޓެއް ގެނެސްގެން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ދުނިޔޭގެ މަޝްހޫރު ހަކަތައިގެ ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ "ވިޓޯލް" ގުޅިގެން ފޯރުކޮށްދެމުން އަންނަ ޚިދުމަތެކެވެ.
ޚިދުމަތް ފެށުނު ފަހުން މިހާތަނަށް ރާއްޖެއިން ތެޔޮ އަޅާ ބޯޓުފަހަރުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، މަހުން މަހަށް ލިބޭ ޖުމްލަ އާމްދަނީ ވެސް އަންނަނީ ފާހަގަކޮށްލެވޭ މިންވަރަކަށް މައްޗަށް ދަމުންނެވެ. އަދި މި ޚިދުމަތުން މިހާތަނަށް ލިބުނު އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ރާއްޖެއަށް އަލަށް ތަޢާރަފުކޮށް ވިއްކަން ފެށި ތިމާވެއްޓާ ރައްޓެހި ލޯ ސަލްފަރ އޮއިލް އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މައިގަނޑު އަމާޒަކީ ބަންކަރިންގެ ޚިދުމަތް މިހާރަށްވުރެ ހަރުދަނާކޮށް، ރާއްޖޭގެ ޖިއޮގްރަފީގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހިފައި، ޤައުމުގެ އިޤްތިޞާދީ މަންފާ އެތައް ގުނައަކަށް ފުޅާކުރުމެވެ.
ރިއެކްޝަންސް





