ރައީސް އޮފީހުގެ ދެ މަޤާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ބޭފުޅުން ޢައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެ މަޤާމަކަށް މިނިސްޓަރުންގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ދެ ބޭފުޅަކު ޢައްޔަންކުރައްވައިފިއެވެ.
މި ބަދަލާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޮރ ޓަރޝަރީ ހެލްތު ސަރވިސަސްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ގ. ފިނިވިލު، މުޙައްމަދު ޠަލާލް އެވެ. އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ ގދ. ތިނަދޫ ޝިފާ، އަޙްމަދު ޙަބީބް އެވެ. މި ދެ މަޤާމަކީވެސް މިނިސްޓަރުންގެ ފެންވަރުގެ ދެ މަޤާމެވެ.
ޓަރޝަރީ ހެލްތު ސަރވިސަސްގެ ޕްރިންސިޕަލް ސެކްރެޓެރީގެ މަޤާމަށް ޢައްޔަންކުރެއްވި މުޙައްމަދު ޠަލާލަކީ ސަރުކާރާއި ދައުލަތުގެ މުހިންމު އިސް މަޤާމުތަކެއް ފުރުއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އެ މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަޤާމުގައެވެ. މީގެއިތުރުން ޠަލާލް ވަނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރުގެ ސީނިއަރ ކަރިކިއުލަމް ޑިވެލޮޕަރުގެ މަޤާމާއި، އިލެކްޝަންސް ކޮމިޝަންގެ އެސިސްޓަންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމު ފުރުއްވާފައެވެ. އަދި މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ ޓެކްނިކަލް އެޑްވައިޒަރ ޓު ދަ މިނިސްޓަރު ކަމާއި، މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ. މުޙައްމަދު ޠަލާލަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.
ޕޮލިސީ އެންޑް މެނިފެސްޓޯއާ ބެހޭ ޕްރިންސިޕަލް ސެކްރެޓެރީގެ މަޤާމަށް ޢައްޔަންކުރެއްވި އަޙްމަދު ޙަބީބަކީ ވެސް މެނޭޖްމަންޓް ދާއިރާއިން މަތީ ތަޢުލީމު ހާސިލުކުރައްވައިގެން ހުންނެވި ޤާބިލު ބޭފުޅެކެވެ. ޙަބީބް ވަނީ އޮސްޓްރޭލިއާގެ ކަރޓިން ޔުނިވަރސިޓީން މާސްޓަރ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓް ޑިގްރީ ހާސިލުކުރައްވާފައެވެ. މި މަޤާމަށް ޢައްޔަންކުރެއްވުމުގެ ކުރިން ވިލާ އެއަރގެ ޖެނެރަލް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޙަބީބް ވަނީ މީގެ ކުރިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާފައެވެ. މީގެއިތުރުން ވިލާ ހަކަތައިގެ މެނޭޖަރުގެ މަޤާމާއި ވިލާ އެއަރގެ ކާޑެއްދޫ އެއަރޕޯޓްގެ ޑެޕިއުޓީ މެނޭޖަރުކަން ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ދެ މަޤާމަކަށް މި ދެ ބޭފުޅުން ޢައްޔަންކުރައްވާފައިވަނީ ސަރުކާރުގެ ސިޔާސަތުތަކާއި މެނިފެސްޓޯ ތަންފީޛުކުރުމުގެ މަސައްކަތްތަކާއި، ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާކޮށް ޓަރޝަރީ ފެންވަރުގައި ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުވިކުރުމުގެ މަޤްޞަދުގައެވެ.
ރިއެކްޝަންސް





