ރާއްޖޭގެ 13 ސަރަޙައްދެއްގައި ހަތިޔާރާއެކު ސިފައިންގެ ތަމްރީނުތަކެއް ބާއްވަނީ
މޯލްޑިވެސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ރާއްޖޭގެ 13 ސަރަޙައްދެއްގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފް އިން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ތަމްރީނުތަކުގައި ސިފައިން ހަރަކާތްތެރިވާނީ ހަތިޔާރާއެކުގައެވެ. ނަމަވެސް، މި ތަމްރީނުތައް ކުރިއަށްދާއިރު އެއްވެސް މީހަކަށް ނުވަތަ ތަނަކަށް ގެއްލުން ނުވާނެހެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާނެ ކަމަށް އެ މުއައްސަސާއިން ބުނެއެވެ. އެގޮތުން މި ހަރަކާތްތަކުގައި ބޭނުންކުރާނީ ބްލޭންކްސް އަދި ޕައިރޯޓެކްނިކްސް ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.
މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ 13 ސަރަޙައްދަކީ:
• ބަރެސްދޫ
• ފޮނަދޫ
• ކައްދޫ
• މާންދޫ
• ގަން (މުކުރިމަގު، މަތިމަރަދޫ، ތުނޑި)
• މުންޑޫ
• މާބައިދޫ
• ބޮކެފުށި
• ކަޅައިދޫ
• އުވަދެވިފުށި
• މަހާކަންފުށި
• ގަސްފިނޮޅު
• ބޮޑުފިނޮޅު
ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކޮށް، ލަޝްކަރު ވަރުގަދަކުރުމުގެ ގޮތުން އަހަރުގެ އެކި ދުވަސްވަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެއްގަމާއި ކަނޑުގެ ތަމްރީނުތައް ސިފައިން އަންނަނީ ހިންގަމުންނެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިފައިންގެ ތަމްރީނުތަކަށް ދޭ އިސްކަމުގެ ދަށުން، ރާއްޖޭން ބޭރަށް ސިފައިން ފޮނުވައިގެން ވެސް ތަފާތު އެކި ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
މިފަދަ ތަމްރީނުތަކަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސިފައިން އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމަށް ބާއްވާ މުހިންމު ހަރަކާތްތަކެކެވެ.
ރިއެކްޝަންސް





