އަންނަ އަހަރު ފުލުހުންގެ ޚިދުމަތަށް 'ޑްރޯން އެޒް ފަރސްޓް ރެސްޕޮންޑަރ' ތަޢާރަފްކުރަނީ
ކުއްލި ހާދިސާތަކަށް އެންމެ ފުރަތަމަ އިޖާބަދިނުމުގެ ގޮތުން "ޑްރޯން އެޒް ފަރސްޓް ރެސްޕޮންޑަރ" ގެ ޚިދުމަތް އަންނަ އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ތަޢާރަފްކުރާނެކަން ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން އިޢުލާންކުރެއްވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންއެވެ.
މި ޚިދުމަތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، ޑްރޯން މެދުވެރިކޮށް ފަރސްޓް ރެސްޕޯންޑަރގެ ޚިދުމަތް ދޭން ފެށުމުން، ފުލުހުންނަށް ހާދިސާއެއް ރިޕޯޓުކުރުމާއެކު އެ ސަރަޙައްދަކަށް ވަގުތުން ޑްރޯން ފޮނުވޭނެ ކަމަށެވެ. މީގެ ސަބަބުން ހާދިސާއަށް އިޖާބަދޭ އޮފިސަރުންނަށާއި ކޮމާންޑް ސެންޓަރަށް އެ ތަނެއްގެ ހާލަތު ވީޑިއޯގެ ޒަރިއްޔާއިން ވަގުތުން ފެންނަމުންދާނެއެވެ.
ވަޒީރު އިޙްސާން ފާހަގަކުރެއްވި ގޮތުގައި، އެއްގަމުގެ ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ނުވަތަ ކަނޑު ހުރަސްކޮށް ދާންޖެހޭ ހާލަތްތަކުގައި ފުލުހުންގެ އޮފިސަރުން އެ ތަނަކަށް ދިއުމަށް ހޭދަވާ ވަގުތު ކުޑަނުކުރެވުނު ކަމުގައިވިޔަސް، ޑްރޯންގެ އެހީގައި ހާދިސާ ހިނގި ތަނުގެ މަޢުލޫމާތު ވަގުތުން ދެނެގަނެވޭނެއެވެ. މިއީ މިހާރަށްވުރެ ފުރިހަމަ އަދި އަވަސް ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
ފުލުހުންގެ މުއައްސަސާއަށް އެންމެ ޒަމާނީ ޓެކްނޮލޮޖީ ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ފުލުހުން ބޭނުންކުރާ ޓެކްނޮލޮޖީ ހޮސްޓުކުރުމަށް އެންމެ ޒަމާނީ 'ޑޭޓާ ސެންޓަރެއް' ބިނާކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާކަން ވެސް ވަޒީރު ހާމަކުރެއްވިއެވެ.
"މާތްﷲގެ އިރާދަފުޅާއިއެކު މިކަންކަން ނިމިގެންއަނައިރު ދިވެހި ފުލުހުން ރައްޔިތުންނަށް ދެއްވަމުންގެންދަވާ ޚިދުމަތް އެތައްގުނައަކަށް ފުރިހަމަވާނެ،" ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، ފުލުހުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައި ހުރި 911 އިމަރޖެންސީ ރެސްޕޮންސް ސެންޓަރުގެ ޤާބިލުކަން އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ. އެގޮތުން 'ނެކްސްޓް ޖެނެރޭޝަން ކޯލް ހޭންޑްލިންގ' އިކުއިޕްމަންޓް ހޯދުމާއި، އެހީއަށް އެދި ގުޅާ ފަރާތުގެ ލޮކޭޝަން ވަގުތުން ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ އިތުރުން، ކައިރީގައި ހުންނަ ސީސީޓީވީ ކެމެރާ ފީޑްތައް ވަގުތުން ފެންނަ ގޮތަށް ސިސްޓަމް އަޕްގްރޭޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، ޒަމާނީ ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް ކުރިއެރުވުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަން މި ރަސްމިއްޔާތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް





