އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޝަކީލް އައްޔަންކުރެއްވުމަށް މަޖިލީހަށް ފޮނުއްވައިފި

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޝަކީލް އައްޔަންކުރެއްވުމަށް މަޖިލީހަށް ފޮނުއްވައިފި

1 hour ago - 10:11

އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ ރައީސްކަމުގެ މަޤާމަށް، އެ ކޮމިޝަނަށް އަލަށް އައްޔަންކުރެއްވި މުޙައްމަދު ޝަކީލް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.


އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަޤާމު ހުސްވީ، އެ މަޤާމުގައި ކުރިން ހުންނެވި މުޙައްމަދު ޒާހިދު، ކޮމިޝަނުގެ މެންބަރުކަމުންނާއި ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ޤާނޫނުގައިވާ ގޮތުގެ މަތިން، ކޮމިޝަނުގެ ރައީސަކު އައްޔަންކުރެވޭނީ ކޮމިޝަނަށް ކަނޑައަޅާފައިވާ ފަސް މެންބަރުންގެ ޢަދަދު ހަމަވުމުންނެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު، މުޙައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު މި ހިނގާ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހުއެވެ. މި އައްޔަންކުރެއްވުމާއެކު ކޮމިޝަނުގެ މެންބަރުންގެ ޢަދަދު ވަނީ ފަހަކަށް ހަމަވެފައެވެ. އެހެންކަމުން، ކޮމިޝަނުގެ ރައީސްގެ މަޤާމަށް ޝަކީލް އައްޔަންކުރެއްވުމަށް ފެނިވަޑައިގަންނަވާތީ، ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ އެ ނަންފުޅު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފައެވެ.


މަޖިލީހުގެ ރިޔާސަތުން މިހާރު ވަނީ މި މައްސަލަ ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފައެވެ. ކޮމިޝަނުގެ ރައީސްކަމަށް ޝަކީލް ރަސްމީކޮށް އައްޔަންކުރެވޭނީ، ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު އޭނާއަށް ރުހުން ދިނުމަށް ފާސްކޮށް، މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުން އަޣުލަބިއްޔަތު ލިބިވަޑައިގަތުމުންނެވެ.


މުޙައްމަދު ޝަކީލަކީ އިލެކްޝަންސް ކޮމިޝަނުގެ މަސައްކަތްތަކުގެ ތަޖުރިބާލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2018 އަށް އެ ކޮމިޝަނުގެ މެންބަރުކަން ކުރައްވާފައިވާއިރު، އޭގެ ކުރިން ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވެއެވެ. މި މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން ޝަކީލް ހުންނެވީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައެވެ.


އިލެކްޝަންސް ކޮމިޝަނުގައި މިވަގުތު ތިއްބެވި މެންބަރުންނަކީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދާއި، މެންބަރުން ކަމަށްވާ ހަސަން ޒަކަރިއްޔާ، ޢަބްދުލްޙަސީބް އިސްމާޢީލް، އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲ އަދި މުޙައްމަދު ޝަކީލެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow