އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމަށް މުބީން އައްޔަންކޮށްފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށާއި، އެ ކުންފުނީގެ ބޯޑު މެންބަރުކަމަށް އަހްމަދު މުބީން މިއަދު އައްޔަންކުރައްވައިފިއެވެ.
މުބީނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު ފެށުނުއިރު، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ފުރުއްވި ބޭފުޅާއެވެ. ނަމަވެސް، ސަރުކާރުން އެ ކުންފުނި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށަށް ބަދަލުކުރުމަށް ނިންމުމާ ގުޅިގެން، ނިމިދިޔަ އަހަރު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އާރްއޭސީއެލްގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު، މުބީން އެންމެ ބޮޑަށް ފެނިގެން ގޮސްފައިވަނީ ކުޅިވަރުގެ ދާއިރާއިންނެވެ. އެގޮތުން ނިއުރޭޑިއެންޓް ސްޕޯޓްސް ކްލަބުގެ ޗެއާމަންގެ މަގާމާ ހަވާލުވެވަޑައިގެން، އެ ކްލަބަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިނުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މުބީން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތީ 2014 ވަނަ އަހަރު ބޭއްވި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ބިލެއްދޫ ދާއިރާގެ މެންބަރުކަމަށް އިންތިޚާބުވެވަޑައިގަތް ހިސާބުންނެވެ. އޭގެ ފަހުން އޭނާ ވަނީ ސިޔާސީ މައިދާނުގެ އިސް ސަފުގައި ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.
މުބީން އެމްޓީސީސީގެ އިސް މަގާމަކަށް އައްޔަންކުރުމާ ގުޅިގެން، އެ ކުންފުނީގެ މީސްމީޑިޔާ މަންސަތަކުގައި އޭނާއަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މުބީންގެ އިސްތިރާޖީ ތަސައްވުރާއި ލީޑާޝިޕްގެ ދަށުން ކުންފުންޏަށް ކުރިއެރުމާއި ކާމިޔާބީގެ އައު ހަރުފަތްތަކަކަށް ވާސިލުވެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތެވެ.
ރިއެކްޝަންސް





