ބޭންކްގެ ނިންމުމަކީ ސަރުކާރު ބަދަލުކުރަން ކުރި ބަޣާވާތެއްކަމަށް ތުހުމަތުކޮށް ފުލުހުން ތަހުގީގު ފަށައިފި
ބޭންކްގެ ނިންމުން ނިންމިވަގުތު ކުރިއަށްދިޔަ އެމްޑީޕީގެ ޕްރެސްގެ ތެރެއިން: ފޮޓޯ-އެމްޑީޕީ

ބޭންކްގެ ނިންމުމަކީ ސަރުކާރު ބަދަލުކުރަން ކުރި ބަޣާވާތެއްކަމަށް ތުހުމަތުކޮށް ފުލުހުން ތަހުގީގު ފަށައިފި

ފުލުހުން ވަނީ ތަހުގީގު ފަށާފައި

23 days ago - 21:34
Advertisement

ބޭންކް އޮފް މޯލްޑިވްސް އިން އިއްޔެ ނިންމި ނިންމުމަކީ އިދިކޮޅު ފަރާތްތަކުން އަޑީގައި އޮވެ ސަރުކާރު ވައްޓާލަން ރާވައިގެން ކުރި ބަގާވާތެއް ކަމަށް ތުހުމަތުކޮށް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ޢާއްމުކުރި ބަޔާނެއްގައި ބުނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ނިންމި ނިންމުމަކީ ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ކަމަށެވެ. އެނިންމުން ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން މާލީހާލަތާ ބެހޭގޮތުން ނޫސްވެރިންގެ ބައްދަލުވުން ބާއްވާ އަދި ހަމައެވަގުތު އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި ޢާއްމު ހަމަޖެހުން ނަގާލަން ގޮވަމުން ދިޔަކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އެވަގުތު ނޫސްވެރިންގެ ބައްދަލުވުން ބާއްވަމުން ދިޔައީ އެމްޑީޕީންނެވެ. އެބައްދަލުވުން ލީޑްކުރެއްވީ މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރެވެ. 

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ, މިކަމަކީ ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ. އެހެންކަމުން މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ބަޔާނުގައި ވެއެވެ. ބޭންކުން އިއްޔެ ހެނދުނު ނިންމީ ރުފިޔާ އެކައުންޓުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭނެ ކަމަށެވެ. އެކަމަކު އެމްއެމްއޭގެ މަޝްވަރާގެ މަތީންކަމަށް ބުނެ ހަވީރު ނިންމުން ބަދަލުކުރިއެވެ.

މިރޭ ކުރިއަށްދާ ޕީއެންސީގެ ޖަލްސާގައި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމްވެސް ވިދާޅުވީ ބޭންކްގެ ނިންމުމަކީ އިދިކޮޅު ފަރާތްތައް އަޑީގައި ތިބެ ހިންގަން އުޅުނު މާލީ ބަގާވާތެއް ކަމަށެވެ. ބޭންކްގެ ނިންމުން ނިންމިވަގުތު އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ އިގްތިސާދުގެ ވާހަކަ ދެއްކުމަކީ އިއްތިފާގެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެބަގާވާތް ހިންގަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފުރުޞަތު ނުދެއްވި ކަމަށް ވިދާޅުވެ, ރައީސްއަށް ތައުރީފް ކުރެއްވި އެވެ.

Advertisement

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement