ފެނަކަ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް
ރަށެއްގެ ފެނަކަ އިމާރާތް

ފެނަކަ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް

މިބަދަލު މިއަހަރުގެ ނިޔަލަށް ގެންނަން ވަނީ ނިންމާފައި

23 days ago - 21:18
Aug 26, 2024 - 21:19
Advertisement

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ކަނޑައަޅަން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީފެނަކައިގެ ސައްތައިންސައްތަ ހިއްސާ، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ.)އިން ގަނެ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފެނަކަ ހަމަޖެއްސެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މިނިސްޓަރ އޮފް ފިނޭންސުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ.

މި ނިންމެވުން ނިންމެވީ ޔުޓިލިޓީ ސެކްޓަރ ހަރުދަނާކުރުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދެވޭ ޚިދުމަތް ރަނގަޅު ފެންވަރެއްގައި އެފިޝަންޓްކޮށް ފޯރުކޮށްދިނުމާއެކު، ފެނަކައިގެ ހިންގުން ހަރުދަނާކޮށް މާލީގޮތުން ބާރުވެރިކުރުމަށްޓަކައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ނިންމެވި ބަދަލު ގެނައުމަށްޓަކައި، އެސް.ޓީ.އޯ. ގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށާއި، އެސް.ޓީ.އޯ. ގްރޫޕްގައި ޢަމަލުކުރަމުން އަންނަ ގޮތަށް ގަވަރނަންސް ހަރުދަނާކޮށް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކުންފުނީގެ ކަންކަން ތަރުތީބުކުރުމުގެ ފުރިހަމަ އިޚްތިޔާރު އެސް.ޓީ.އޯއަށް ދިނުމާއެކު ވިޔަފާރީގެ ހަރަކާތްތައް ސްޓްރީމްލައިންކުރުމާއި، ރަނގަޅު އުސޫލުތައް ތަންފީޒް ކުރުންފަދަ ކަންކަމުގެ އިހްތިޔާރު އެސް.ޓީ.އޯ.އަށް ދިނުމަށް ވަނީ ނިންމަވާފައެވެ.

މީގެއިތުރުން ފެނަކައިގެ މުވައްޒަފުންގެ އަދަދު ކަނޑައެޅުމުގެ އިޚްތިޔާރުވެސް  އެސް.ޓީ.އޯ. އަށް ދިނުމަށް ވަނީ ނިންމާފައެވެ. މުވައްޒަފުންގެ އަދަދު ކަނޑައަޅާއިރު ސަރުކާރުގެ މައިގަނޑު ސިޔާސަތާ އެއްގޮތަށް، ވީވަރަކުން މުވައްޒަފުން ވަކިނުކޮށް، އެހެން ތަންތަނަށް މުވައްޒަފުން ބަދަލުކުރެވޭނެ ގޮތްތަކެއް ބެލުން ހިމެނޭ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މިބަދަލު މި އަހަރުގެ ނިޔަލަށް ގެންނަން  ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެކަމަށް  މިނިސްޓްރީ އޮފް ފިނޭންސް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު އަދި އެސް.ޓީ.އޯގެ ބޭފުޅުން ހިމެނޭ ކޮމިޓީއެއް އުފެއްދުމަށްވެސް ވަނި ނިންމަވާފައެވެ.

Advertisement

ފެނަކައިގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމަށް މިއަދު ވަނީ އަހުމަދު އަބްދުލްކަރީމް (ރުކުމާ) އައްޔަން ކުރައްވާފައެވެ. އޭނާ މިސަރުކާރުގައި މިހާތަނަށް ހުންނެވީ ވެމްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމްގައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement