ލޭ ހަދިޔާކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ އާދަ އަށަގެންނެވުމަށް ރައީސް އިލްތިމާސްކުރައްވައިފި
ލޭ ހަދިޔާކުރުމުގެ މަތިވެރި އާދަ ދިވެހި މުޖުތަމައުގައި ކުރިއެރުވުމަށް ސަރުކާރުން ހިފާފައިވާ އަޒުމް ތަކުރާރުކުރައްވައި، މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ލޭ ހަދިޔާކުރާ ފަރާތްތަކުން ވަމުންދާ ގުރުބާނީގެ އަގު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަޒަންކުރައްވައިފިއެވެ.
ދުނިޔޭގެ ލޭ ހަދިޔާކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ 'އެކްސް' އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ދީލަތި އެހީތެރިކަމުގެ ސަބަބުން، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށާއި، ކުއްލި ޞިއްޙީ ފަރުވާއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް އެންމެ ބޭނުންޖެހޭ ވަގުތުގައި ފަރުވާ ކަށަވަރުވެގެންދާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ބޭސްވެރިކަމާއި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ކިތަންމެ ކުރިއެރުންތަކެއް ހޯދާފައިވީ ނަމަވެސް، އިންސާނާގެ ލޭގެ މުހިންމުކަމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އަދި އާންމު ޞިއްޙަތު ރައްކާތެރިކުރުމަށާއި، ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ އިތުރުން، ޤައުމީ ފެންވަރުގައި ކުއްލި ޙާލަތްތަކަށް އޮންނަ ތައްޔާރީ ފެންވަރު ހަރުދަނާކުރުމަށްޓަކައި ލޭ ހަދިޔާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ ޖަޒީރާވަންތަ ގޮތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށްތައް ވަކިވަކިން އުފެދިފައިވާ މިފަދަ ޤައުމެއްގައި، ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ވަގުތުން ވަގުތަށް ލޭ ލިބެން ހުރުމަކީ ފުރާނަ ސަލާމަތްކުރުމުގައި ނުހަނު ބޮޑު ތަފާތެއް ގެނުވައިދޭނެ ކަމެއް ކަމަށެވެ. އެހެންކަމުން، އެންމެހާ ދިވެހިންގެ ޞިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމުގައި އެއްބައިވަންތަކަމާއި ފަރުދީ ޒިންމާގެ އާދަ އަށަގަންނުވައި އެކަން ވަރުގަދަކުރުމަކީ މުހިންމު ކަމެއްކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
މި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ މެސެޖެއް ދެއްވާފައެވެ. އެކަމަނާގެ މެސެޖުގައި، ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ކުރިމަތިވާ އެންމެ ދަތި ވަގުތުތަކުގައި ލޭ ހަދިޔާކުރާ ފަރާތްތަކުން ގެނެސްދޭ އުންމީދުގެ އަގު ވަޒަންކުރެއްވިއެވެ.
ލޭ ހަދިޔާކުރުމުގެ ކޮންމެ އަމަލެއްގެ ފަހަތުގައި އޯގާތެރިކަމުގެ ފުން އިޙްސާސްތަކެއްވާކަން ފާހަގަކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ނާޒުކު ޙާލަތްތަކުގައިވާ ފަރާތްތަކަށް މި އެހީތެރިކަމަކީ ބިރުވެރިކަމުގެ ބަދަލުގައި އުންމީދު އާކޮށްދޭ ކަމެއް ކަމަށެވެ. އަދި ފުރާނަ ސަލާމަތްކުރުމަށް އަބަދުވެސް ބޮޑެތި ކަންތައްތަކެއް ކުރުން ލާޒިމު ނޫންކަމާއި، އޯގާތެރިކަމުގެ ކުޑަކުޑަ އަމަލަކުންވެސް މީހެއްގެ ދިރިއުޅުމަށް ނުހަނު ބޮޑު ބަދަލެއް ގެނެސްދެވިދާނެކަން އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް





