ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަސް ހޭދަވޭ: ކަސްޓަމްސް

ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަސް ހޭދަވޭ: ކަސްޓަމްސް

7 hours ago - 11:08
Advertisement
Advertisement

ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ ފޮނުވުމުގައި ފުރިހަމަކުރަންޖެހޭ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް މިހާރު 10 ދުވަސް ހޭދަވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ކަސްޓަމްސްއިން ކުރިއަށްގެންދިޔަ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ނެރުނު "ޓައިމް ރިލީޒް ސްޓަޑީ 2025" ރިޕޯޓުގައެވެ.


ކަސްޓަމްސްއިން ވިދާޅުވި ގޮތުގައި މުދާ ބޭރުކުރުމުގެ މަރުހަލާއަށް ހޭދަވާ ވަގުތު ބަލާފައިވަނީ ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ ވަގުތުން ފެށިގެން، މުދާ ބަރުކޮށްގެން ބޯޓު ފުރާ ވަގުތާ ހަމައަށެވެ. އެގޮތުން، މި މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަހާއި، 10 ގަޑިއިރާއި، 14 މިނެޓު ހޭދަވާކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.


މި ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ޑިކްލަރޭޝަން ހުށަހެޅުމުން ފެށިގެން އެސެސްމަންޓްގެ މަސައްކަތް ނިމުމާ ހަމައަށް ގާތްގަނޑަކަށް 15 ގަޑިއިރާއި ހަ މިނެޓު ހޭދަވެއެވެ. އަދި ފައިސާ ދެއްކުމުގެ މަރުހަލާއަށް އިތުރު 17 ގަޑިއިރާއި 31 މިނެޓު ހޭދަވާއިރު، އޮފް-ޝޯ ރިކުއެސްޓަށް 1 ދުވަހާއި 16 ގަޑިއިރާއި 55 މިނެޓު، އަދި އޮފް-ޝޯ އެޕްރޫވަލްއަށް 1 ދުވަހާއި 9 ގަޑިއިރާއި 47 މިނެޓް ހޭދަވާކަމަށް ރިޕޯޓުގައިވެއެވެ.


މީގެއިތުރުން، މުދާ ބަލައި ފާސްކުރުމުގެ މަރުހަލާގައި ސަރުކާރުގެ އެކި އިދާރާތަކުން ކުރަންޖެހޭ އިންސްޕެކްޝަންތައް ނިންމުމަށް އެވްރެޖްކޮށް އެއް ދުވަހާއި، ނުވަ ގަޑިއިރާއި، 35 މިނެޓު ހޭދަވެއެވެ. އަދި ބުކިން ފޯމަށް ހުއްދަ ލިބުމަށް އެއް ދުވަހާއި، 13 ގަޑިއިރާއި، 57 މިނެޓު ހޭދަވާކަން ކަސްޓަމްސްއިން ފާހަގަކުރެއެވެ.


މުޅި ސިލްސިލާގައި އެންމެ ގިނަ ވަގުތު ހޭދަވަނީ އެންމެ ފަހު މަރުހަލާ ކަމަށްވާ މުދާ ބަރުކޮށް ބޯޓު ފުރުމުގެ މަރުހަލާގައެވެ. މި މަރުހަލާއަށް އެކަނިވެސް ދެ ދުވަހާއި، 12 ގަޑިއިރާއި، ތިން މިނެޓު ހޭދަވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.


ކަސްޓަމްސްއިން ވިދާޅުވީ މި ދިރާސާގެ ބޭނުމަކީ އިދާރީ އިސްލާހުތަކާއި ޑިޖިޓަލް ނިޒާމުތައް މެދުވެރިކޮށް، މުދާ ފޮނުވުމުގައި ހިނގާ ވަގުތު ކުރުކުރެވޭނެ ގޮތްތައް ދެނެގަތުން ކަމަށެވެ. މި ހޯދުންތަކުގެ އަލީގައި މުދާ ކްލިއަރެންސް މަރުހަލާ އިތުރަށް އަވަސްކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement