ދިފާޢީ ވަޒީރު އެމްއެންޑީއެފް ސަދަން އޭރިއާގެ މަރުކަޒުތަކަށް ޒިޔާރަތްކުރައްވައިފި

ދިފާޢީ ވަޒީރު އެމްއެންޑީއެފް ސަދަން އޭރިއާގެ މަރުކަޒުތަކަށް ޒިޔާރަތްކުރައްވައިފި

12 hours ago - 07:58
Advertisement
Advertisement

ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު، އެމްއެންޑީއެފް ސަދަން އޭރިއާގައި ޤާއިމްކޮށްފައިވާ ގަން އެއަރ ސްޓޭޝަނާއި އެ ސަރަހައްދުގެ އެކި މަރުކަޒުތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ.


މި ޒިޔާރަތަކީ މިވަގުތު ޤައުމީ ދިފާޢީ ބާރުގެ ސަދަން އޭރިއާއަށް ވަޒީރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެއްވި ޒިޔާރަތެކެވެ. މިގޮތުން، ގަން އެއަރ ސްޓޭޝަނަށް ކުރެއްވި ޒިޔާރަތުގައި ވަޒީރު ވަނީ އެތަނުގައި މަސައްކަތް ކުރައްވާ އެމްއެންޑީއެފް އެއަރ ކޯރގެ ސިފައިންނާ ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް އެއަރ ކޯ އިން ހިންގަމުންދާ އޮޕަރޭޝަންތަކުގެ މަޢުލޫމާތު އޮޅުންފިލުއްވައި، އެ މަސައްކަތްތައް ކުރިއަށްދާ ގޮތް ވަނީ ބައްލަވާލައްވާފައެވެ.


މީގެ އިތުރުން، އައްޑޫސިޓީ ގަމުގައި ހުންނަ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ވަޒީރު ވަނީ ވަޑައިގެންފައެވެ. އެ ކޮމާންޑުގައި މަސައްކަތްކުރާ ސިފައިންނާ ބައްދަލުކުރައްވައި، ކޮމާންޑުގެ ތަރައްޤީއަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމުގެ އިތުރުން، ސިފައިންނަށް ދަތިވާ ކަންތައްތަކާ ގުޅޭގޮތުން ވަޒީރު ވަނީ މަޝްވަރާ ކުރައްވާފައެވެ.


ވަޒީރުގެ މި ދަތުރުފުޅުގައި ފުވައްމުލަކު ސިޓީގައި ޤާއިމްކޮށްފައިވާ ފުވައްމުލައް ޕޯސްޓަށްވެސް ވަނީ ޒިޔާރަތްކުރައްވާފައެވެ. އެ މަރުކަޒުގައި މަސައްކަތްކުރާ ސިފައިންނާ ބައްދަލުކުރައްވައި، އެތަނުގެ މަސައްކަތްތައް ހުރިގޮތް ބައްލަވާލައްވައި، ސިފައިންނަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ވަޒީރު ވަނީ އޮޅުންފިލުއްވާފައެވެ.


ދިފާޢީ ވަޒީރު ޙަސަން ރަޝީދު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައިވާ އެމްއެންޑީއެފްގެ މަރުކަޒުތަކަށް ޒިޔާރަތްކުރައްވައި، ސިފައިންގެ ހާލަތާއި ތަރައްޤީގެ މަޝްރޫޢުތައް ބައްލަވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ. މި ޒިޔާރަތްތަކުގެ މައިގަނޑު މަޤްޞަދަކީ ސިފައިންގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، މަސައްކަތުގައި ހުރި ދަތިތަކަށް ޙައްލު ހޯއްދަވައިދެއްވުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow

Advertisement
Advertisement