އެންސްޕާ ކާޑުގެ ކޮޕީއާ ނުލައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ބޯހިޔާވަހިކަމަށް ހުށަހެޅޭ ގޮތް ހަމަޖައްސައިފި
ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއްކަން އަންގައިދޭ އެންސްޕާ ކާޑުގެ ކޮޕީއާ ނުލައިވެސް، އެފަދަ ފަރާތްތަކުގެ ބެލެނިވެރިންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ކުރިމަތިލެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރި އިޢުލާނެއްގައި ވިދާޅުވީ، ޚާއްޞަ އިސްކަންދެވޭ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބަދަލުގައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން (އެންސްޕާ ކާޑު ކޮޕީ) ހުށަނާޅައި މިހާރު ފޯމު ހުށަހެޅޭނެ ކަމަށެވެ. މިއީ މިފަދަ އާއިލާތަކަށް ބޯހިޔާވަހިކަމަށް އެދި ހުށަހެޅުމުގައި ދިމާވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކި ކެޓަގަރީއެއްގެ ދަށުން ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. މި މަޝްރޫޢަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ މާދަމާ ރޭ 11:59 އަށެވެ.
ބޯހިޔާވަހިކަމުގެ އުޞޫލަށް ގެނައި ބަދަލުތަކުގެ ތެރޭގައި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުން މާލޭ ސަރަހައްދުގައި ދިރިއުޅެންޖެހޭ މުއްދަތުވެސް ވަނީ ކުޑަކޮށްދީފައެވެ. ކުރިން އޮތް ގޮތާ ޚިލާފަށް، މިހާރު މާލޭ ސަރަހައްދުގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް މި ކެޓަގަރީން ފޯމު ހުށަހެޅޭނެއެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްރަށުން ލިބެންނެތް ފަރުވާ ހޯދުމަށް މާލެ ސަރަހައްދަށް ހިޖުރަކުރަން ޖެހިފައިވާ ފަރާތްތަކަށްވެސް މި އުޞޫލުގެ ދަށުން ލުއިތަކެއް ވަނީ ދީފައެވެ. އެގޮތުން، ބަލީގެ ނުވަތަ ނުކުޅެދުންތެރިކަމުގެ ސަބަބުން ފަރުވާ ހޯދުމަށް މާލެ ސަރަހައްދުގައި ވޭތުވެދިޔަ އެއް އަހަރު ދުވަހު ދިރިއުޅެފައިވާ ފަރާތްތަކަށްވެސް މި ކެޓަގަރީއަށް ހުށަހެޅުމުގެ ފުރުޞަތު އޮންނާނެކަމަށް ބިނާރާ ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ރިއެކްޝަންސް





