ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޒީނާޒް އައްޔަންކޮށްފި

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ޒީނާޒް އައްޔަންކޮށްފި

3 hours ago - 14:44

މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރުގެ މަޤާމަށް، ކުރީގެ ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރުގެ އަނބިކަނބަލުން ޒީނާޒް އަދުނާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ.


ފުވައްމުލަކަށް ނިސްބަތްވާ ޒީނާޒަކީ މީގެ ކުރިން ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. ނަމަވެސް، 2024 ވަނަ އަހަރު އެ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ހުށަހެޅި ފޯމުތަކެއްގެ ތެރޭގައި ސޮއި ފޯޖުކޮށްފައިވާ ވަގު ފޯމުތަކެއް ހުރި މައްސަލައެއް ފެންމަތިވެ، ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން އޭނާ ވަނީ އެ މަޤާމުން ވަކިކޮށްފައެވެ.
މީގެ އިތުރުން، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ޒީނާޒް ވަނީ ކުޑަކުދިންގެ ހިޔާގެ ސީއީއޯގެ މަޤާމުވެސް އަދާކުރައްވާފައެވެ. އެ ދުވަސްވަރު އޭނާގެ ފިރިކަލުން އާދަމް ޝަރީފް ހުންނެވީ ޑިފެންސް މިނިސްޓަރުގެ މަޤާމުގައެވެ.


ޒީނާޒް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި އިރު، އޭނާގެ ފިރިކަލުން އާދަމް ޝަރީފް ހިންގަވަމުން ގެންދެވި ލޯކަލް ގަވަރމަންޓް މިނިސްޓްރީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ވަނީ އުވާލާފައެވެ. މިނިސްޓަރުކަން ގެއްލުމާ ގުޅިގެން އާދަމް ޝަރީފް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖްގެ މަޤާމަށެވެ. ނަމަވެސް، މިހާރު ސަރުކާރުން ވަނީ އޭނާ ޔޫއޭއީއަށް ކަނޑައަޅާ ސަފީރުގެ މަޤާމަށް އައްޔަންކުރަން ނިންމަވާފައެވެ.


ޒީނާޒް މި މަޤާމަށް އައްޔަންކުރެއްވުމާ ގުޅިގެން، އޭނާ މިހާރު ވަނީ ހެލްތު މިނިސްޓްރީގެ މަސައްކަތްތަކާ ރަސްމީކޮށް ޙަވާލުވެލައްވާފައެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow