ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީން ތާޢީދުކޮށްފި

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް އަދާލަތު ޕާޓީން ތާޢީދުކޮށްފި

2 hours ago - 11:48
Mar 18, 2026 - 11:49

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި، އެ ބަދަލު ގެނައުމަށް ފެންނަ ކަމަށް ވޯޓު ދިނުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.


އަދާލަތު ޕާޓީން މިގޮތަށް ނިންމާފައިވަނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގައި ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. ޕާޓީގެ ރަސްމީ މީސްމީޑިއާ އެކައުންޓްތައް މެދުވެރިކޮށް ހާމަކޮށްފައިވާ ގޮތުގައި، މި ނިންމުން ނިންމާފައިވަނީ ޤައުމާއި ރައްޔިތުންގެ މަތިވެރި މަސްލަޙަތަށް ރިޢާޔަތްކުރުމަށް ފަހު މަޝްވަރާ މަޖިލީހުގެ އަޣުލަބިއްޔަތުންނެވެ. 


އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއެކު ކުރިއަށްދާ މި ޚިޔާލު ހޯދުމުގެ ވޯޓަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަސްދީޤު ކުރުމާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަށް ބާއްވާ ވޯޓެކެވެ. މި ބިލުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެކުގައި ބޭއްވުމާއި، މަޖިލީހުގެ ދައުރު ގުނާނެ އުސޫލުތަކަށް ގެނެވޭ ބަދަލުތަކެވެ.


މި އިޞްލާޙު ތަސްދީޤު ކުރުމަށް ފެންނަ ކަމަށް މިހާތަނަށް ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ހިމެނެއެވެ.


މި ޕާޓީތަކުން ދެކޭގޮތުގައި ދެ އިންތިޚާބު އެކުގައި ބޭއްވުމުން ދައުލަތުން އިންތިޚާބުތަކަށް ކުރަންޖެހޭ ބޮޑު ޚަރަދު ކުޑަވެގެންދާނެއެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަޙަށް ހަމަޖެހުން ލިބި، ގިނަގިނައިން އިންތިޚާބުތައް ބޭއްވުމުން ރައްޔިތުންނަށާއި ދައުލަތުގެ އިދާރާތަކަށް ކުރިމަތިވާ ތަކްލީފުތަކަށް ލުޔެއް ލިބިގެންދާނެ ކަމަށްވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow