ނަތަންޔާހޫގެ ވާހަކައާ ދެކޮޅަށް އިހުތިޖާޖުކޮށް، ދިވެހި ވަފުދުން އދ. ގެ އާންމު މަޖިލިސް ދޫކޮށް މިފަހަރުވެސް މާލަމުން ބޭރަށް!

ނަތަންޔާހޫގެ ވާހަކައާ ދެކޮޅަށް އިހުތިޖާޖުކޮށް، ދިވެހި ވަފުދުން އދ. ގެ އާންމު މަޖިލިސް ދޫކޮށް މިފަހަރުވެސް މާލަމުން ބޭރަށް!

1 hour ago - 13:12

އދ. ގެ އާންމު މަޖިލީހުގައި ޔަހޫދީ ޒަޔަނިސްޓު އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރުކުރަން ފެށުމުގެ ކުރިން، އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ވަފުދުން އާންމު މަޖިލީހުގެ ޖަލްސާ ދޫކޮށް ނުކުމެއްޖެއެވެ.


އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި މިހާރު ކުރިއަށްދާ އާންމު މަޖިލީހުގެ ޖަލްސާގައި ނަތަންޔާހޫ ވާހަކަދައްކަން ޕޯޑިއަމް ކައިރިއަށް ދިޔުމާއެކު، ރާއްޖެ ހިމެނޭހެން ގިނަ އަދަދެއްގެ ގައުމުތަކުގެ މަންދޫބުން ވަނީ ޖަލްސާ ދޫކޮށް ނުކުމެފައެވެ. މިއީ އިސްރާއީލުގެ ޖައްބާރު އަމަލުތަކާ ދެކޮޅަށް މިފަދަ ގޮތަކަށް ދިވެހިރާއްޖެއިން އދ. ގައި އިހުތިޖާޖުކުރި 3 ވަނަ އަހަރެވެ. މިއަހަރުގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ސަރުކާރުގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފެވެ.


މިކަމާ ގުޅިގެން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްގެ އިތުރުން ދިވެހި ޚާރިޖިއްޔާގެ އިސް ބޭފުޅުން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖުތަކުގައި ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރިހާ ގައުމަކުންވެސް އެއް ހަމައަކުން ތަބާވާންޖެހޭނެ ކަމަށާއި، އެއްވެސް ގައުމަކީ ގާނޫނަށްވުރެ މަތީގައި އޮތް ގައުމެއް ނޫން ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯނުއަނބާ ގައުމުތަކުގެ އަމަލުތައް ބަލައިގަނެ، އެފަދަ ކަންކަން އާންމު ކަމަކަށް ހެދުމުގެ ފުރުސަތު ދިވެހިރާއްޖެއިން ނުދޭނެ ކަމަށް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ އަޚުވަންތަ ފަލަސްޠީނުގެ ރައްޔިތުންނާއެކު ކަމަށާއި، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައިގެން މިނިވަން ފަލަސްޠީނު ދައުލަތެއް ގާއިމުކުރުމަށް ރާއްޖެއިން ތާއީދުކުރާ ކުރުން ވަނީ ތަކުރާރުކޮށްފައެވެ. އަދި އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށްވެސް ރާއްޖެއިން ވަނީ ގޮވާލާފައެވެ.


ޔަހޫދީ ދައުލަތުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ލާއިންސާނީ ގަތުލުއާންމާއި، ހުޅަނގު އައްސޭރީގެ ބިންތައް ފޭރިގަނެ، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތައް ރާއްޖެއިން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ހަރުއަޑުން ކުށްވެރިކުރަމުންނެވެ. އަދި މި ޖަރީމާތަކަށް ޒަޔަނިސްޓުން ޖަވާބުދާރީ ކުރުވައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ރާއްޖެއިން ވަކާލާތު ކުރެއެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަލަސްޠީނުގެ މައްސަލައިގައި ގެންގުޅެނީ ވަރަށް ސާބިތު އަދި ހަރުދަނާ ސިޔާސަތެކެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތަކީ ޔަހޫދީ އިސްރާއީލު ފިޔަވައި ހުރިހާ ގައުމަކާއެކުވެސް ދިވެހިންގެ މަސްލަހަތު އިސްކޮށްގެން ގުޅުން ބޭއްވުން ކަމަށެވެ. އެގޮތުން އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭނެ ގޮތަށް ގާނޫނު އިސްލާހުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފަށާފައެވެ.
އދ. ގެ އިތުރުން ބައިނަލްއަގުވާމީ ގޮތުން ރާއްޖެ ތަމްސީލުކުރާ ހުރިހާ މަންސައެއްގައިވެސް ފަލަސްޠީނުގެ ހައްގުގައި ވަކާލާތުކޮށް، އެ ގައުމުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމުގެ މަސައްކަތުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެއެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow