''ޕްރެސަރ ވިތް ދަ ސްޕޯކްސް'' ސިލްސިލާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ބާއްވައިފި
''ޕްރެސަރ ވިތް ދަ ސްޕޯކްސް'' ސިލްސިލާގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން، ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން މުޙައްމަދު ޙުސައިން ޝަރީފް މިއަދު ބާއްވަވައިފިއެވެ. މި ނޫސްކޮންފަރެންސް އޮތީ މިއަދު މެންދުރު ޓެލެވިޜަން މޯލްޑިވްސްގައެވެ.
މިއީ ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އަދި ނޫސްވެރިން ބޭނުންވާ މަޢުލޫމާތު ވީހާވެސް ފަސޭހައިން ފޯރުކޮށްދެއްވުމަށާއި، ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ފުރުޞަތު ދިނުމުގެ ގޮތުން، ކޮންމެ ހަފުތާއެއްގެ ބުރާސްފަތި ދުވަހު ގާތްގަޑަކަށް 55 މިނެޓަށް ކުރިއަށް ގެންދަވަން ނިންމަވާފައިވާ ފޯރަމެކެވެ.
މިއަދުގެ ސެޝަންގައި އެމަނިކުފާނު ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، މޭ މަހުގެ 3 އިން 6 އަށް އެ ޤައުމަށް ކުރެއްވުމަށް ހަމަޖެހިފައިވާ ފުރަމާނަ ދަތުރުފުޅުގެ މައުލޫމާތު ހިއްސާކުރައްވާފައެވެ. މީގެ އިތުރުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށްވެސް އެމަނިކުފާނު ވަނީ ޖަވާބުދެއްވާފައެވެ.
މިއަދުގެ ސެޝަންގައި ސަރުކާރުން މައުލޫމާތު ހިއްސާކުރުމަށް، ޗީފް ގަވަމަންޓް ސްޕޯކްސްޕަރސަން ގެ އިންސަޓަގްރާމް އަދި ޓިކްޓޮކް ގެ ރަސްމީ އެކައުންޓްވެސް ވަނީ އާއްމުކޮށްފައެވެ. މި އެކައުންޓްގެ ނަމަކީ "ދަ ފީޑް އެމްވީ'' އެވެ.
ރިއެކްޝަންސް

