ޗައިނާއިން ރާއްޖެއަށް ތެޔޮ ގަންނަން ފަށަނީ
ޗައިނާއިން ދިވެހިރާއްޖެ ހިމެނޭހެން އޭޝިއާ ޕެސިފިކްގެ ގައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބޭރުގެ މަޝްހޫރު ނޫސް އެޖެންސީއެއް ކަމަށްވާ "ރޮއިޓާސް" އިން ރިޕޯޓުކޮށްފިއެވެ.
އެ ނޫހުން މިއަދު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، ހޮންކޮންގް ފިޔަވައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ގައުމުތަކަށް މެއި މަހުގެ ތެރޭގައި 500,000 މެޓްރިކް ޓަނުގެ ތެޔޮ ބޭރުކުރުމަށް ޗައިނާ ސަރުކާރުން ވަނީ މިހާރު ހުއްދަ ދީފައެވެ. މި ޝިޕްމަންޓްތަކުގައި ޕެޓްރޯލާއި، ޑީސަލްގެ އިތުރުން ޖެޓް ފިއުލް ހިމެނޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖޭގެ އިތުރުން ޗައިނާއިން މި ފުރުސަތުގެ ދަށުން ތެޔޮ ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި އޮސްޓްރޭލިއާ، ބަންގްލަދޭޝް، ކެމްބޯޑިއާ، ލާއޯސް، މިޔަންމާ، ނިއުޒީލޭންޑް އަދި އަވަށްޓެރި ސްރީލަންކާ ހިމެނެއެވެ. މި މަސައްކަތުގެ ތަފްސީލަށް ބަލާއިރު، ހުއްދަ ދިން 500,000 ޓަނުގެ ތެލުގެ ދެބައިކުޅަ އެއްބައަށްވުރެ ގިނަ މިންވަރެއް އެކްސްޕޯޓުކުރުމަށް ހަވާލުކޮށްފައިވަނީ 'ސިނޯޕެކް' ކުންފުންޏާއެވެ. މީގެ އިތުރުން 'ޕެޓްރޯ ޗައިނާ' އަށް 150,000 ޓަނު އަދި 'ސީއެންއޯއޯސީ' އަށް 40,000 ޓަނުގެ ތެޔޮ ބޭރުކުރުމުގެ ހުއްދަ ވަނީ ދީފައެވެ. ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޝިޕްމަންޓްތަކުގެ މަދުވެގެން 40 އިންސައްތައަކީ ޑީސަލް އަދި ޖެޓް ފިއުލްއެވެ.
ޗައިނާއިން ތެޔޮ ބޭރުކުރާ މިންވަރު އިތުރުކުރަން މި ނިންމީ، އެ ގައުމުގެ އެތެރޭގެ ބާޒާރަށް ތެލުގެ ތާށިކަމެއް ކުރިމަތިވެދާނެތީ މިދިޔަ މަހުން ފެށިގެން އެކްސްޕޯޓް ވަރަށް ބޮޑަށް މަދުކޮށްފައި އޮތުމަށްފަހުއެވެ. މި ނިންމުން ބަދަލުކުރީ ޗައިނާގެ ދައުލަތުގެ ތެޔޮ ސާފުކުރާ ކުންފުނިތަކުގެ ބާރުއެޅުމާއެކުގައެވެ. އެ ކުންފުނިތަކުން ބޭނުންވަނީ ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު އުފުލެމުންދާއިރު، ބޭރުގެ ބާޒާރުތަކަށް ތެޔޮ ވިއްކައިގެން ބޮޑު ފައިދާއެއް ހޯދުމަށެވެ. ސަބަބަކީ ޗައިނާގެ އެތެރޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓިފައި ހުރުމުން ކުންފުނިތަކަށް ލިބޭ ގެއްލުން ކުޑަކުރުމެވެ. ރާއްޖެއަށް ބޭނުންވާ ތެޔޮ މައިގަނޑުކޮށް އެތެރެކުރާ ދައުލަތުގެ ކުންފުނި، އެސްޓީއޯއިން މިހާރު ތެޔޮ އެތެރެކުރަމުންދަނީ މައިގަނޑު ގޮތެއްގައި އޮމާން އާއި ދުބާއީންނެވެ. ޗައިނާގެ މި ނިންމުމާއެކު ރާއްޖެއަށް ތެޔޮ އެތެރެކުރުމުގައި އާ މަގުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
ރިއެކްޝަންސް





