އެމްއޭސީއެލްއިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފިކަން ސަރުކާރުން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންއެވެ.
މިދިޔަ ފެބްރުވަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ފަލަސްތީނާއި މެދުއިރުމަތީގެ ސަރަހައްދުތަކުގައި ހިންގަމުންދާ އުދުވާނުތަކާއި، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދާއިރު، ހާއްސަކޮށް ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ އަސަރު ރާއްޖެއަށްވެސް ވަނީ ކޮށްފައެވެ. ވަޒީރު އަމީން ވިދާޅުވީ ރާއްޖޭގައި ޖެޓް ފިއުލްގެ އަގު ބޮޑުވުމަކީ ދާއިރާގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ.
ޖެޓް ފިއުލް ލީޓަރެއްގެ އަގު މި ފަހުން 1.99 ޑޮލަރަށް އުފުލިފައި ހުރުމަށްފަހު، މިދިޔަ ހުކުރު ދުވަހުން ފެށިގެން ވަނީ ހެޔޮ ބަދަލެއް ގެނެސްފައެވެ. މި ބަދަލާއެކު މިހާރު ޖެޓް ފިއުލް ލީޓަރެއް ވިއްކާނީ 1.75 ޑޮލަރަށެވެ.
"ސަރުކާރުން ވަރަށް ބޮޑަށް އެމްއޭސީއެލްއާ އެކީގައި މަސައްކަތް ކުރައްވައިގެން ޕާ ލީޓަރަކުން 24 ސެންޓް ތިރި ކުރެވިފައިވަނީ،" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިވަގުތު ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް 4.8 އިންސައްތަ ދަށްވެފައިވީ ނަމަވެސް، މެދުއިރުމަތީގެ ހާލަތު ބަދަލުވެ އެ ސަރަހައްދުގެ އެއާލައިންތަކުގެ ދަތުރުތައް އިތުރުވަމުންދާތީ ކުރިއަށް އޮތް ދެ ތިން ހަފްތާގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމަށް އެދެވޭ ބަދަލެއް އަންނާނެއެވެ. އަދި ރާއްޖެއަށް ދަތުރުކުރާ ބޮޑެތި އެއާލައިންތަކާއެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތުން، އަންނަ ޖޫން މަހުން ފެށިގެން ގަތަރު އެއާވޭސް އާއި އެމިރޭޓްސް އިން ރާއްޖެއަށް ކުރާ ދަތުރުތައް ދުވާލަކު ތިން ފްލައިޓަށް އިތުރުކުރުމަށް ޝެޑިއުލް ބަދަލުކޮށްފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ. މި ބަދަލު ގެނެސްފައިވަނީ އެ އެއާލައިންތަކުގެ ބުކިން ސިސްޓަމުން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިން ގިނަކަމަށް ދައްކާތީއެވެ. މީގެ އިތުރުން، ބްރިޓިޝް އެއާވޭސް އިންވެސް ކުރިއަށް އޮތް ސީޒަންގައި ރާއްޖެއަށް ކުރާ ދަތުރުތައް 32 އިންސައްތަ އިތުރުކުރުމަށް ވަނީ ރާވާފައެވެ.
ރިއެކްޝަންސް

