އާބަންކޯ އަނެއްކާވެސް އެޗްޑީސީއަށް!
ހުޅުމާލެ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީގެ ނަން އާބަންކޯ އަށް ބަދަލުކުރިތާ އަހަރެއް ނުވަނީސް އަނެއްކާވެސް އެޗް.ޑީ.ސީއަށް ބަދަލުކޮށްފި
އާބަން ކޯގެ ނަމުގައި ހިންގަމުން އައި ކުރީގެ އެޗް.ޑީ.ސީގެ ނަން އަނެއްކާވެސް ކުރީގެ ނަން އެޗް.ޑީ.ސީއަށް ބަދަލުކޮށްފިއެވެ.
އެކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ނަން ކިއުމުގައި އައި ބަދަލަކީ ނަން ބަދަލުވުމެއް ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުގެ ދުވަސްވަރު ކުންފުނީގެ ނަން ރީބްރޭންޑް ކުރިނަމަވެސް ލިޔެކިއުމުން ނަން ބަދަލުކޮށްފައި ނުވާ ކަމަށާއި ހުރިހާ ޑޮކިއުމެންޓެއްގައިވެސް ބޭނުން ކުރަމުން އައިސްފައިވަނީ އެޗް.ޑީ.ސީ ކަމަށެވެ.
އެޗް.ޑީ.ސީން މައުލޫމާތު ދެއްވި ގޮތުގައި ކުރިއެކޭ އެއްގޮތަށް އެޗް.ޑީ.ސީ ކިޔަންފެށީ އާބަންކޯ ކިއުމުން އާންމުންނަށް ވަރަށް ބޮޑަށް އޮޅުންއަރާތީ އެކަން ހައްލުކުރުމުގެ ގޮތުން ކަމަށެވެ.
މިހާތަނަށް ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ޚިދުމަތްތަކެއްވެސް ބަލަހައްޓަމުން އައިސްފައިވަނީ އެޗް.ޑީ.ސީންނެވެ. އެހެން ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެވަޑައިގެންފައިވާ ވައުދުފުޅާ އެއްގޮތަށް މި ޖަނަވަރީ މަހުން ފެށިގެން ހުޅުމާލޭގެ ހުރިހާ މުނިސިޕަލް ޚިދުމަތްތަކެއް ވަނީ އެޗް.ޑީ.ސީން ނަގައި މާލެ ސިޓީ ކައުންސިލަށް ބަދަލުކުރައްވާފައެވެ.
ރިއެކްޝަންސް