
ވަގަށްނެގި ޣައްޒާގެ ޑރ. ހުސާމް އަބޫ ސަފިއާ އިޒްރާއިލްގެ ޖަލުގައި ހައިހޫނުކަމުގައި 40 ކިލޯ ލުއިވެއްޖެ: ވަކީލުން
އިޒްރާއިލްގެ ޖަލުގައި ޑރ. އަބޫސަފިއާއަށް އަނިޔާކޮށް ސިއްހީ އެހީތެރިކަންވެސް ނުދޭކަމަށް ބުނި
ފާއިތުވި ޑިސެމްބަރު މަހު 27 ވަނަ ދުވަހު އިޒްރާއިލްއިން ޣައްޒާގެ ކަމާލް އަދުވާން ހޮސްޕިޓަލްގެ ޑިރެކްޓަރ ޑރ. ހުސާމް އަބޫ ސަފިއާ ވަގަށްނެގި ފަހުން އިޒްރާއިލްގެ ޖަލުގައި ހައިހޫނުކަމުގައި 40 ކިލޯ ޑރ. އަބޫސަފިއާގެ ގައިން ލުއިވެފައިވާކަމަށް ވަކީލުން ބުނެފިއެވެ.
ޑރ. އަބޫ ސަފިއާގެ ވަކީލު, ގައިދު ގާނިމް ބައްސާމްގެ ފޭސްބުކްގައި އޭނާވަނީ ޑރ. އަބޫސަފިއާގެ ހާލަތާބެހޭގޮތުން އިއްޔެ ތަފްޞީލްކޮށް ލިޔެފައެވެ. އެގޮތުން ޖަލުގައި އެކަށީގެންވާ ކާނާއާއި ބޭސް ފަރުވާ ނުލިބޭ ކަމަށާއި, ޖަލުގައި އަބޫ ސަފިއާއަށް އަނިޔާކޮށް ޑޮކްޓަރުގެ ސިއްހީ ހާލަތު ވަރަށް ދަށްވެފައިވާކަމަށް ވަކީލު ވަނީ ބުނެފައެވެ.
ޑރ. އަބޫ ސަފިއާ އެންމެ ފަހުން ފެނުނީ މީގެ ހަ މަސް ކުރިން ބައިތް ލަހިއާގެ ކަމާލް އަދުވާން ހޮސްޕިޓަލް ކައިރިން ޑޮކްޓަރ ސްކްރަބްގައި އިޒްރާއިލްގެ ޓޭންކަރުތަކާ ދިމާއަށް ހިނގާފައި ދަނިކޮށެވެ. އޭގެ ފަހުން ވަކީލުން ކުރި އެތައް މަސައްކަތަކުން ޑޮކްޓަރު ދިރިހުރިކަން އަދި ހުރި ޖަލެއް އެނގުނީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ.
ވަކީލުން ބުނިގޮތުގައި ކުރިން ޑޮކްޓަރުގެ ގައިގައި ކުރިން 100 ކިލޯ ހުންނަ ކަމަށާއި ނަމަވެސް މިހާރު ހުރީ 60 ހަަކަށް ކިލޯ އެވެ. އަދި ޖަލުގައި ލިބޭ އަނިޔާތަކާއި އެކު ހައިހޫނުކަމުގައި ބަނޑަށް ބާއްވާ, ޑޮކްޓަރުގެ ހިތުގެ މަސްތަކުގެ ބާރު ދެރަވަމުން ދާކަމަށާއި, ލޭގެ ޕްރެޝަރުވެސް ހުރީ ވަރަށް މަތީގައިކަމުގައި ވެސް ވަކީލު ބުނެފައި ވެއެވެ.
ޑޮކްޓަރު އިޒްރާއިލް އިން ވަގަށް ނެގި ދުވަހަކީ ކަމާލް އަދުވާން ހޮސްޕިޓަލްގެ އޮޕަރޭޝަން ތަކުގެ ވެސް އެންމެ ފަހު ދުވަހެވެ. އެދުވަހު އިޒްރާއިލްއިން ވަނީ އެ ހޮސްޕިޓަލަށް ވަޔާއި އެއްގަމު މަގުން ހަމަލާ ދީ ހޮސްޕިޓަލް އަންދާލާފައެވެ.
"އެންމެ ފަހުން މިދިޔަ މަހު 24ގައިވެސް ޑޮކްޓަރުގެ މޭކަށިގަނޑާއި, މޫނު އަދި ބޮލާއި ކަނދުރާއަށްވެސް ވަނީ ގަދައަށް ތެޅުމުގެ ސަބަބުން ވަރަށް ބޮޑަށް އަނިޔާވެފައި. އެދުވަހުވެސް ބައިގަޑިއިރެއްހާއިރު ހުއްޓާނުލާ އަނިޔާކުރި" ވަކީލު ލިޔެފައި ވެއެވެ.
ޑރ. އަބޫ ސަފިއާ މިހާރު ބަހައްޓާފައި ހުރީވެސް އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާކަމަށް މަޝްހޫރު އޮފަރ ޕްރިޒަންގައެވެ. ޑޮކްޓަރުގެ ހިތުގެ މައްސަލަ ހައްލުކުރަން ސްޕެޝަލިސްޓާކަށް ދައްކަން އެދުނު އެދުމަށްވެސް އިޒްރާއިލްއިން އިޖާބަދީފައި ނުވާކަމަށް ގައްސާމް ބުނެފައި ވެއެވެ.
ވަކީލު އިތުރަށް ބުނީ ޑޮކްޓަރުގެ ހިތުގެ ހިނގުން އެއްވަރެއްގައި މިހާރު ނުހިފަހައްޓާ ކަމަށާއި, އެއްވެސް ވަރަކަށް އިރުގެ ހޫނުކަން ނުލިބޭ ބިމުއަޑީގެ އަނދިރި ގޮޅިއެއްގައި އިންނަނީވެސް ފިނި ހެދުމުގައި ކަމުގައެވެ.
"އަނދިރި ގުދަނެއްކަހަލަ ގޮޅިއެއްގައި, އެހެން މީހުންނާ ވަކިން (ސޮލިޓަރީ ކޮންފައިންމަންޓް) ގައި ބައިންދާފައި އިންނަނީ. ހުރިހާ ހައްގަކުން މަޙްރޫމްކޮށް, ބަނޑަށް ބައިންދައިގެން އިންތިހާއަށް އަނިޔާކުރަމުންދަނީ" ވަކީލު ބުނެފައި ވެއެވެ.
ހިއުމަން ރައިޓްސް މޮނިޓަރ 'ޔޫރޯ-މެޑް'ގެ ޗެއަރމަން މިމަހު 9 ވަނަ ދުވަހު ޑރ. އަބޫ ސަފިއާއަށް ޒިޔާރަތްކުރުމަށް ފަހު ރަމީ އަބްދޫ ވެސް ވަނީ ޑރ. އަބޫ ސަފިއާގެ ސިއްހީ ހާލަތު ބިރުގަންނަ ދަރަޖައަށް ގޯސްވެފައިވާކަމަށް ބުނެފައެވެ.
ދުނިޔޭގެ ސިއްޙީ ޖަމާއަތްތަކާއި ޑރ. އަބޫ ސަފިއާގެ އާއިލާއިން ދަނީ ޑރ ދޫކޮށްލުމަށް އެދި ކެނޑިނޭޅި އާދޭސްކުރަމުންނެވެ.
ރިއެކްޝަންސް






