
ޣައްޒާ ގައި އިޒްރާއިލްއިން އިއްޔެވެސް 100 އެއްހާ މީހުން ޝަހީދުކޮށްލައިފި
39 މީހަކު ޝަހީދުވެފައިވަނީ އައްސޭރިފަށުގެ ކެފޭއަކަށް ދިން ހަމަލާގައި
ޔަހޫދީ ސިފައިންގެ ފައުޖުތަކުން އިއްޔެ ޣައްޒާގެ ސްކޫލަކަށާއި, އައްސޭރިފަށުގައި ހުންނަ ކެފެޓޭރިއާއެއް އަދި އެހީ ބެހުމުގެ ނަމުގައި ހިންގަމުން ގެންދާ 'މަރުގެ ދަންތުރަ' ތަކަށް ދިން ހަމަލާތަކުގައި 95 މީހަކު ޝަހީދުވެފައިވާކަމަށް ސިއްހީ މަސްދަރުތަކާ ހަވާލާދީ ޣައްޒާގެ ސަރުކާރު މީޑިއާއިން ބުނެފިއެެވެ.
އިއްޔެގެ ހަމަލާތަކުގައި ހަމައެކަނި ޣައްޒާ ސިޓީންނާއި އުތުރު ޣައްޒާއިން 62 މީހަކު ޝަހީދުކޮށްލާފައިވާކަމަށްވެސް ސަރުކާރު މީޑިއާއިން ވަނި ބުނެފައެވެ.
އޭގެ ތެރޭގައި ޣައްޒާސިޓީގެ އައްސޭރި ފަށުގައި ހުންނަ ކެފެޓޭރިއާއަކަށް ދިން ހަމަލާގައި ޝަހީދުވި އެތަނުގައިތިބި 39 މީހަކުވެސް ހިމެނެއެވެ. އަލް- ބަގާ ކެފެޓޭރިއާ އަށް ދިން ހަމަލާގައި އެސަރަހައްދުން އިތުރު އެތައްބަޔަކުވެސް ވަނީ ޒަހަމްވެފައެވެެ.
ކެފެޓޭރިއާއަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިން ގިނަ އަދަދަކަށް ހިމެނޭއިރު ޣައްޒާގެ ނޫސްވެރިޔާ އިސްމާއިލް އަބޫ ހަތާބްވެސް ވަނީ އެ ހަމަލާގައި ޝަހީދުވެފައެވެ.
"މީހުންގެ ހަށިގަނޑުގެ ބައިތައް ވީދި ބުރައިގެން ގޮސްފައި ހުއްޓާ އަަހަރެމެން ދުށިން. މީ އެމީހުން އެބުނާ އެއްވެސް "ޓެރަރިސްޓް" އަކާ ގުޅުންހުރި ތަނެއްވެސް ނޫން. ކުޑަ ކުއްޖެއްގެ އުފަންދުވަސް ފާހަގަކުރުމުގެ ކަމެއް އެވަގުތު އެތާ އޮތީ" ހަމަލާގައި ކެފޭ އެއްކޮށް ބިމާހަމަވެފައިވާއިރު އެތަނުން ފެނުން މަންޒަރުތައް ސިފަކޮށްދެމުން އަލް ޖަޒީރާގެ ނޫސްވެރިޔާ ހާނީ މުޙައްމަދު އެނޫހަށް ކިޔާދީފައި ވެއެވެ. ހަނީ އިތުރަށް ބުނީ ހަމަލާ ދިނުމުގެ ކުރިން އެއްވެސް ކަހަލަ އިންޒާރެއްވެސް ދީފައި ނުވާކަމަށެވެ.
އެ ސަރަހައްދަކީ ހަނގުރާމައިގައި ވިއްސި ވިހާލިވެފައިވާ އާއިލާތަކާއެކު އެތައްކެއް ކުޑަކުދިން މިހާރު ދިރިއުޅެމުންދާ ސަރަހައްދެއްވެސް މެއެވެ. އަދި އެ ކެފެޓޭރިއާއަކީ ޓެންޓް ތަކުގެ ތޮތްޖެހުމުން ނިކުމެލާ ހިތްހަމަ ޖައްސާލަން ގިނަ ކުޑަކުދިންވެސް ގޮސްއުޅޭ ތަނެކެވެ.
އެހީ ބެހުމުގެ ނަމުގައި ޤާއިމްކޮށްފައިވާ ސައިޓްތަކަށް ދިން ހަމަލާތަކުގައި އިއްޔެވެސް ވަނީ 13 މީހަކު ޝަހީދުކޮށްލާފައެވެ. މީގެ އިތުރުން އެތައްސަތޭކަ ބަޔަކު ހިމާޔަތް ހޯދައިގެންތިބޭ ޔަފާ ސްކޫލަށް ދިން ހަމަލާތަކުގައިވެސް ގިނަ ބަޔަކު ވަނީ ޝަހީދުވެފައެވެ.
ރިއެކްޝަންސް






