
އެންމެ ބޭނުންވަނީ ދިވެހިރާއްޖެއަކީ ހަމަޖެހުން ޤާއިމްވެފައި އޮތް އެކުވެރި ރައްޔިތެއް ދިރިއުޅޭ ޤައުމަކަށް ވުން: ރައީސް
ޤައުމުގެ ވެރިޔާގެ ހައިސިއްޔަތުން އެންމެ ބޭނުންފުޅުވާކަމަކީ ދިވެހިރާއްޖެއަކީ ވަރަށް އެކުވެރި ރައްޔިތަކު ދިރިއުޅޭ ހަމަޖެހުން ޤާއިމްވެފައި އޮތް ޤައުމަކަށް ވުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު މެންދުރުފަހު "ރައްޔިތުންނާއެކު" ޕޮޑްކާސްޓް ސީރީސްގެ 8 ވަނަ އެޕިސޯޑްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އެކުވެރިކަމާއެކު ދިރިއުޅޭ ބައެއް އުޅޭ, ހަމަޖެހުން ޤާއިމްވެފައި އޮންނަ ޤައުމަކަށް ވާން. އެއްބަޔަކު އަނެއް ބަޔަކަށް ބަދަލު ހިފުމާއި, ދެކޮޅުވެރިކަން ނެތިދިއުން. ވަރަށް ހަމަޖެހިގެން އެކުވެރި, އުފާވެރި މުޖުތަމައުއެއްގެ ގޮތުގައި ރައްޔިތުން އުޅޭތަން ދެކެން ބޭނުންވަނީ" މިނިވަަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅިގެން އެންމެ ބޭނުންވަނީ ކޮންކަމެއްތޯ އެއްސެވުމުން ޖަވާބުގައި ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ މިދެންނެވި ކަންކަމަށް ހުރަސް އެޅެނީ ސިޔާސީ ކަންކަމުގެ ތެރޭގައި ކުރިން އަޅުގަނޑުމެންގެ ތެރޭގައި އޮތް އެއްބައެއްވަންތަކަށް ހަނދާންނެތިިގެން ދިއުންކަމަށެވެ. އަދި އަޅުގަނޑުމެން މިނިވަން ޤައުމެއްގެ ގޮތުގައި އޮތް އޮތުމުގެ ހަޤީގަތް ބިނާވެފައި އޮންނަނީ ގުޅިިލާމެހިފައި އޮންނަ އޮތުމުގެ ހަރުދަނާކަމުގެ މައްޗަށްކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރެވިފައި ވަނީ އެމަގުން ރައްޔިތުން އެއްބައި ކުރުމަށް ކަމަށްވެސް ރައީސް ވިދާޅުވިިއެވެ. ބަދަލުހިފުމުގެ ރޫހު ސަރުކާރުން ނުޖެންގުޅޭތީ ކަމަށާއި, އަދި ސަރުކާރުން މިހާތަނަށް އަމަަލުކުރަން ދަނީވެސް ހަމައެމަގުން ކަމުގައި ރައީސް ވިދާޅުވިއެވެ.
ސިޔާސީ މައްސަލައެއްގައި މިހަކު ހައްޔަރުކޮށް , ސިޔާސީގޮތުން ތަފާތުކުރުމެއް ގެންގުޅެފައި ނުވާނެ ކަމަށާއި އެއީމިސަރުކާރު ގެ އެންމެ ބޮޑު ތަފާތުކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރިއެކްޝަންސް






