ފިލިޕީންސްގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 85 މީހުން މަރުވެއްޖެ
ފިލިޕީންސްގެ އިރު އުތުރުގެ ސަރަޙައްދަކަށް ހުކުރު ދުވަހު އެރި މޫސުމީ ތޫފާނެއްގައި މަދުވެގެން 85 މީހުން މަރުވެ 41 މީހުން ގެއްލިފައިވާ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފިއެވެ. އަދި ތޫފާންގެ ސަބަބުން މީހުން ސަލާމަތްކުރުމަށް އެސަރަޙައްދުތަކަށް ދިއުމަށް ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް ހޮނިހިރު ދުވަހު ފިލިޕީންސްގެ ރައީސް ވަނީ ވިދާޅުވެފައެވެ.
ތޫފާން 'ޓްރާމީ' އާއެކު އިރު އުތުރުގެ ބައެއް އަވަށްތަކުން ވަނީ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކާވެސް ކުރިމަތި ވެފައެވެ. މިއީ މި އަހަރުތެރޭގައިވެސް ފިލިޕީންސް އަށް ކުރިމަތިވި އެންމެ ގެއްލުންބޮޑު ކާރިސާކަމަށް ފިލިޕީންސްގެ ޑިޒާސްޓަރ ރެސްޕޯންސް އެޖެންސީން މައުލޫމާތު ދެއެވެ.
ލޭކް ސަރަޙައްދުގައި އޮންނަ ޓަލިސޭ އަވަށުން މީހުން ސަލާމަތްކުރަން ފުލުހުންނާއި ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ވަޅުލެވިފައިވާ ދެ ހަށިގަނޑެއް ހޮނިހިރު ދުވަހު ވަނީ ފެނިފައެވެ. އެއާއެކު 14 އަހަރުގެ ދަރިފުޅު ގެއްލިގެން އުޅޭ ބައްޕައަކު ވަނީ އެތަނުން އެކަކު އެއީ އޭނާގެ އަންހެންދަރިފުޅު ކަމަށް ބުނެފައެވެ.
ތޫފާންގެ އަސަރު އެންމެ ބޮޑަށް ކުރި މެނީލާގެ ހާލަތު ބެއްލެވުމަށްފަހު ޕިލިޕީންސްގެ ރައީސް, ބޮންގްބޮން މާކޮސް ވިދާޅުވެފައިވަނީ ބިންގަނޑު ކަނޑައިގެން ގޮސްފައިވަނީ އާދަޔާ ހިލާފަށް ވާރޭ ވެހުމުން ކަމަށެވެ. ބައެއް ސަރަޙައްދުތަކަށް ދެމަސްދުވަހުގެ ވާރޭ 24 ގަޑިއިރު ތެރޭގައި ވެހިފައިވާކަމަށްވެސް މާކޮސް ވަނީ ވިދާޅުވެފައެވެ.
4.2 މިލިއަން މީހުންނަށް ތޫފާނުގެ އަސަރުކޮށްފައިވާއިރު ބައި މިލިއަނެއްހާ މީހުން ވަނީ 6400 އިމަޖެންސީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައި ކަމަށް ޑިޒާސްޓަރ ރެސްޕޯންސް އެޖެންސީން މައުލޫމާތު ދީފައިވެއެވެ.
ރިއެކްޝަންސް