
ވާދަވެރިން ދެކޮޅުހަދަމުން ދަނިކޮށް ނަތަންޔާހޫއަށް ގޮތްހުސްވެ, ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެއްޖެ
އިރާނުގެ ރައްޔިތުން އުއްމީދުކުރަނީ އިޒްރާއިލްއަށް ހެދުނީ ކިހާވަރެއްގެ ގޯހެއްކަން މިހާރު ވިސްނޭނެ ކަމަށް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ ހަމަލާތައް ހުއްޓާލުމުގެޕްލޭނަށް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެއްބަސްވެފައިވާކަމަށް ނަތަންޔާހުގެ އޮފީހުން ބުނެފިއެވެ.
ނަތަންޔާހޫގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އީރާނާ ދެކޮޅަށް ފެށި 'އޮޕަރޭޝަން ރައިސިން ލަޔަން' ގެ ހުރިހާ މަޤްސަދެއް ބަޔާންކޮށްފައިވާ ވަރަށް ވުރެ އިތުރަށް ހާސިލްކުރެވިއްޖެ ކަމުގައެވެ.
ނަމަވެސް އިޒްރާއިލްގެ އިދިކޮޅު ފަރާތްތަކުން އަންނަނީ ނަތަންޔާހޫގެ މި ނިންމުމާ ދެކޮޅު ހަދަމުންނެވެ. ކަނާތު ފިޔައިގެ ޔިސެރައިލް ބެއިތެނޫ ޕާޓީގެ ފަރާތުން ޤާނުނު ހަދާ މަޖިލީހުގެ މެމްބަރު އަވިގްދީ ލިއެބަރމަން އެކްސްގައި ކުރި ޕޯސްޓްގައި ބުނެފައިވަނީ އިރާނުން އަމާން ދިނުމުގެ ކުރިން އިޒްރާއިލްއިން ހަމަލާތައް ހުއްޓާލުމަކީ ބޮޑު ގޯހެއް ކަމަށެވެ.
"ޒަހަމްވެފައިވާ ސިންގާއެއް ދޫކޮށްލުމަށްވުރެ ނުރައްކާތެރިކަމެއް ނޯންނާނެ. އޭތި ކޮންމެ ގޮތެއްވިއަސް އަހަރެމެން އެހެން ހަނގުރާމައަކަށް ގެންދާނެ ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި. އަދި އެއީ މިއަށްވުރެ މާ ގެއްލުންބޮޑުކޮށް" ލިއެބަރމަން ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވެއެވެ.
އިޒްރާއިލްގެ ނިންމުމާ ގުޅިގެން ޔުނިވަރސިޓީ އޮފް ތެހްރާންގެ ޕްރޮފެސަރ ފުއާދް އިޒާދީ ވިދާޅުވެފައިވަނީ އީރާނަށް ހަމަލާދިނުމަކީ އިޒްރާއިލްއަށް ހެދުނު ބޮޑު ގޯހެއްކަމަށް އިޒްރާއިލްއަށް މިހާރު ވިސްނޭނެކަމަށް އީރާނުގެ ރައްޔިތުން އުއްމީދުކުރާ ކަަމަށެވެ.
"އެމީހުންނަށް މިހާރު އެނގޭނެ އީރާނުގެ ބެލިސްޓިކް މިސައިލްތައް ރަނގަޅަށް މަސައްކަތް ކުރާކަން. އެމީހުންނަށް އެ މިސައިލްތައް ހުއްޓުވުމުގައި ވަނީ ނާކާމިޔާބު ވެފަ. އެމީހުން ބޭނުންވިހެން އީރާނުގެ ވެރިކަން ބަދަލެއް ނުކުރެވުނު. އެމީހުން ހީކުރީ އީރާނުގެ ލީޑަރުންނާއި ނިއުކްލިއަރ ސައިންޓިސްޓުން މަރައިގެން އަހަރެމެންގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވޭނެެ އޭ. އަދި އަސްކަރިއްޔާ ފުނޑާލެވޭނެ އޭ. އެކަމެއް ނުވި. އަހަންނަަށް ފެންނަނީ އިޒްރާއިލް އަދި އެމެރިކާއިން އެމީހުން އެކުރި ކަންތަކުގެ ހިސާބު އަލުން ހަދާލަން. ރަނގަޅަށް ހިސާބު ހެދިއްޖެ ނަމަ އެމީހުންނަށ އިނގޭނެ ހެދުނު ގޯހުގެ ބޮޑު ކުޑަމިން"އިޒާދީ ވިދާޅުވެފައި ވެއެވެ.
އިދިކޮޅު ލިކޫޑް ޕާޓީގެ މެމްބަރުންވެސް ވަނީ ހަމަލާތައް ހުއްޓާލުމަށް ދެކޮޅު ހަދާފައެވެ. ލިކޫޑް ޕާޓީގެ ޤާނޫނު ހަދާ މަޖިލީހުގެ މެމެބަރު ޑެން އިލޯޒް ނަތަންޔާހުއަށް ފާޑުކިޔާ ބުނެފައިވަނީ އިޒްރާުއިލްއިން ސޮއިކުރަންޖެހޭނެ ހަަމައެކަނި އެއްބަސްވުމަކީ އީރާން އިން އަމާންދޭކަމަށް ބުނާ އެއްބަސްވުން ކަަމަށެވެ.
"އީރާނުގެ ދައުލަތަކީ އެތަނާއެކު އެއްބަސްވުން ހަދަންޖެހޭ ތަނެއް ނޫން. އެއީ ބަލިކުރަންޖެހޭ ތަނެއް" އެކްސްގައި ކުރި ޕޯސްޓެއްގައި އިލޯޒް ބުނެފައި ވެއެވެ.
"އިޒްރާއިލް އިން ވަނީ މިވަގުތަށް އޮތް ދެ ނުރައްކާ ނައްތާލާފައި- އެއީ ނިއުކްލިއަރ އަދި ބެލިސްޓިކް މިސައިލްގެ ފަޅީގެވެސް" ރޭ އިޒްރާއިލްގެ ކެބިނެޓާ މޮސާޑްގެ ވެރިޔާ އާއެކު ނަޔަންތާހޫ ބޭއްވި ބައްދަލުވުމަށްފަހު އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ އޮޕަރޭޝަން ގެ މަޤްސަދު ހާސިލްވުމާއި އެމެރިކާގެ ރައީސް ޓްރަމްޕްގެ ހުށަހެޅުމަށް އަށް ފުރިހަމައަށް ތާއީދުކުރުމުގެ ގޮތުން އިޒްރާއިލްއިން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވާ ކަމަށެވެ. އިޒްރާއިލްއިން ބުނެފައިވަނީ އެއްބަސްވުމާ އީރާނުން ހިލާފްވެއްޖެ ނަމަ ބާރުގެ ބޭނުން އެންމެ މަތީ ދަރަޖައަށް އިރާނާ ދެކޮޅަށް ކުރާނެކަމަށެވެ.
ރިއެކްޝަންސް






